އައިއޯއައިޖީ: އެންމެ ގިނަ މެޑަލް މޮރިޝަސް އަށް
އައިއޯއައިޖީ: އެންމެ ގިނަ މެޑަލް މޮރިޝަސް އަށް

މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި އެންމެ ގިނަ މެޑަލް ހާސިލްކުރި ގައުމަކަށް މުބާރާތް ބޭއްވި މޮރިޝަސް ވެގެންދިޔައިރު، ރާއްޖެ ނިންމާލީ ހަތް ގައުމު ވާދަކުރި ގޭމްސްގެ ފަސް ވަނައިގަ އެވެ.

އައިއޯއައިޖީގައި ރާއްޖޭން ހޯދަން އަމާޒުކުރި 15 މެޑަލުގެ ޓާގެޓް ވަނީ ހާސިލްކޮށްފަ އެވެ. އޮލިމްޕިކް ކޮމިޓީން ކަނޑައެޅި މި ޓާގެޓް ހާސިލްކުރިއިރު، މިއީ މިހާތަނަށް ރާއްޖޭން ނިންމާލި އެންމެ ކާމިޔާބު ކުޅިވަރު މުބާރާތެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކަށް ބޭއްވި މި ކުޅިވަރު މުބާރާތުގެ މެޑަލް ތާވަލުގެ އެންމެ ކުރީގައި މޮރިޝަސް އޮތީ 223 މެޑަލް ހާސިލްކޮށްގެންނެވެ. ހަތް ގައުމު ވާދަކުރާ ކުޅިވަރު މުބާރާތުން މޮރިޝަސް ވަނީ 93 ރަން މެޑަލާއި 78 ރިހި މެޑަލް އަދި 53 ލޯ މެޑަލް ހާސިލްކޮށްފަ އެވެ. ދެ ވަނަ އަށް ދިޔަ ރީޔޫނިއަން ވަނީ 177 މެޑަލް ހޯދައިފަ އެވެ. އެއީ 45 ރަން މެޑަލާއި 58 ރިހި މެޑަލްގެ އިތުރުން 74 ލޯ މެޑަލް އެވެ. ތިން ވަނަ އަށް ދިޔަ މަޑަގަސްކާ ވަނީ ޖުމްލަ 127 މެޑަލް ހޯދައިފަ އެވެ. އެއީ 49 ރަން މެޑަލާއި 47 ރިހި މެޑަލާއި 31 ލޯ މެޑަލް އެވެ.

ހަތަރު ވަނައިގައި ސީޝެލްސް އޮތީ 111 މެޑެއްޔާ އެކު އެވެ. އެ ގައުމަށް 28 ރަން މެޑަލް ލިބުނުއިރު، 32 ރިހި މެޑަލް އަދި 51 ލޯ މެޑަލް ހާސިލްކުރި އެވެ. ރާއްޖޭން 15 މެޑަލް ހާސިލްކުރިއިރު، ހަތަރު ރަން މެޑަލާއި ހަތަރު ރިހި މެޑަލް އަދި ހަތް ލޯ މެޑަލް ވަނީ ހޯދައިފަ އެވެ. ހަ ވަނަ އަށް ދިޔަ މަޔޯޓް އާއި ހަތް ވަނަ އަށް ދިޔަ ކޮމޮރޯސް އަށް ވެސް ވަނީ 15 މެޑަލް ލިބިފަ އެވެ. އެކަމަކު ރާއްޖެ އަށް ވުރެ އެ ގައުމުތައް އަތުގައި ރަން މެޑަލް މަދެވެ. ހަ ވަނައިގައި އޮތް މަޔޯޓަށް ލިބުނީ ތިން ރަން މެޑަލާއި ދެ ރިހި މެޑަލް އަދި 10 ލޯ މެޑަލް އެވެ. އަދި ކޮމޮރޯސް އަށް ލިބުނީ އެއް ރަން މެޑަލް އާއި ތިން ރިހި މެޑަލް އަދި 11 ލޯ މެޑަލް އެވެ.

ރާއްޖޭން 2015 ވަނަ އަހަރު އެންމެ ރަން މެޑެއްޔެއް ލިބުނު ނަމަވެސް މި ފަހަރު މިވަނީ ހަތަރު ރަން މެޑަލް ހޯދައިފަ އެވެ. އޭގެ ތެރެއިން ތިން ރަން މެޑަލް ހޯދައިދިނީ ޓޭބަލް ޓެނިހުންނެވެ. އެއީ އިއްޔެގެ ރަން މެޑެއްޔާއި ދީމާ އާއި ރަފާ ހޯދައިދިން ވިމެންސް ޑަބަލްސް ރަން މެޑެއްޔާއި އެ ދެ ކުޅުންތެރިންނާއި މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާލާ ނިމާލް ހިމެނިގެން އަންހެން ޓީމުން ހޯދި ވިމެންސް ޓީމު ރަން މެޑެއްޔެވެ. ރާއްޖެ އަށް ދެން ލިބުނު ރަން މެޑަލް ހޯދައިދިނީ ބެޑްމިންޓަން ވިމެންސް ސިންގަލްސް ބައިން އައިމިނަތު ނަބީހާ އަބްދުއްރައްޒާގެވެ.

ރާއްޖޭން މި ފަހަރު ރިހި މެޑަލް ހޯދީ ޓޭބަލް ޓެނިހުގެ ވިމެންސް ޑަބަލްސް އިން މުއީނާ އާއި ޖުމާނާ ހޯދި ރިހި މެޑެއްޔާއި މިއަދު ވިމެންސް ސިންގަލްސް އިން ލިބޭ ރިހި މެޑެއްޔާއި ބެޑްމިންޓަނުގެ ވިމެންސް ޑަބަލްސް އިން ނަބީހާ އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ހޯދި ރިހި މެޑެއްޔާއި ބީޗް ވޮލީބޯޅައިން ޓީމު އިވެންޓުން ހޯދި ރިހި މެޑެއްޔެވެ.

ލޯ މެޑަލް ހޯދީ އެތުލެޓިކްސްގެ 200 މީޓަރު ދުވުމުން ހަސަން ސާއިދު، ޕެރެ 100 މީޓަރު ދުވުމުން މުހައްމަދު މާޒިން އަދި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ލޯ މެޑަލް ހޯދި އެވެ. އަނެއް ހަތަރު ލޯ މެޑެއްޔަކީ ބެޑްމިންޓަނުގެ އަންހެން ޓީމު އިވެންޓުންނާއި ފިރިހެން ޓީމު އިވެންޓުން އަދި މިކްސް ޑަބަލްސް އިވެންޓުން މުހައްމަދު އަޖުފާން ރަޝީދާއި މައިސާ ފަތުހުﷲ ހޯދި ލޯ މެޑަލް އަދި ބީޗް ވޮލީބޯޅައިގެ އިންޑިވިޖުއަލް އިވެންޓުން ޝިއުނާޒް އަބްދުލްވާހިދު (މަންކޭ) އަދި އާދަމް ނަސީމް (އެޑަމް) ހޯދި ލޯ މެޑެއްޔެވެ.

ރާއްޖޭން ވަނީ 2023 ވަނަ އަހަރު އައިއޯއައިޖީ ބޭއްވުމުގެ ބިޑް ކާމިޔާބު ކޮށްފަ އެވެ. ސަރުކާރާއި އޮލިމްޕިކް ކޮމިޓީ އާއި ކުޅިވަރު އާއިލާ އެކުވެގެން ކުރި މަސައްކަތުން އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިގެންދިޔައިރު، މި މުބާރާތަކީ ރާއްޖޭގައި ބޭއްވޭނެ ފުރަތަމަ މަލްޓި ސްޕޯޓްސް ކުޅިވަރު މުބާރާތެވެ.