29 ޖުލައި 2019 - 07:34

ވިލް ސުމިތުގެ ތަފާތު ފިލްމެއް ބަލައިލަން ބޭނުން ނަމަ "ޖެމިނީ މޭން" އަކީ ހަމަ ކޮންމެހެން ވެސް ބަލައިލަން ޖެހޭ ފިލްމަކަށް ވާނެ އެވެ. މިއީ ވިލް ސުމިތު އަމިއްލަ ނަފުސާ ކުރިމަތިލާ ގޮތް ދައްކާ ފިލްމެކެވެ.
"ޖެމިނީ މޭން" ގައި އޭނާގެ ތަފާތު ދެ ކެރެކްޓާއެއް ފެންނާނެ އެވެ. އެއީ އުމުރުން ދުވަސްވަމުން ދަނިކޮށް، ހަމަ އެ ސޫރައިގައި އަންނަ ކްލޯން ކެރެކްޓާއަކާ ކުރިމަތިލާން ޖެހުމެވެ. ފިލްމު ރިލީޒްކުރާ ދުވަސް ކައިރިވަމުން އަންނަ އިރު މީގެ ދެވަނަ ޓްރެއިލާއެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
އެންގް ލީ ޑައިރެކްޓްކޮށްފައިވާ "ޖެމިނީ މޭން" އަކީ ސައިންސް ފިކްޝަން/އެކްޝަން ފިލްމެކެވެ. އެންގް ލީގެ ފިލްމެކޭ ބުނެފި ނަމަ ފިލްމު މޮޅު ވާނެ ކަމުގެ ގެރެންޓީއެއް ވެސް ބެލުންތެރިންނަށް އޮންނާނެ އެވެ. އޮސްކާ އެވޯޑް ވެސް ހޯދާފައިވާ މި ޑައިރެކްޓަރަކީ "ކްރައުޗިން ޓައިގާ: ދަ ހިޑެން ޑްރެގަން" އާއި "ލައިފް އޮފް ޕައި" ގެނެސް ދިން ޑައިރެކްޓަރެވެ.
އަންނަ އޮކްޓޯބަރު މަހުގެ 11 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ޖެމިނީ މޭން" ގެ ކާސްޓުންގެ ތެރޭގައި މޭރީ އެލިޒަބަތު ވިންސްޓެޑް، ކްލައިވް އޮވެން އަދި ބެނެޑިކްޓް ވޮންގް ހިމެނެ އެވެ.