"ޑިއާ ކޮމްރޭޑް" ގެ ހިންދީ ރިމެކްގެ ކާސްޓާ ބެހޭ ވާހަކަތައް ކަރަން ދޮގުކޮށްފި
"ޑިއާ ކޮމްރޭޑް" ގެ ހިންދީ ރިމެކްގެ ކާސްޓާ ބެހޭ ވާހަކަތައް ކަރަން ދޮގުކޮށްފި

މިދިޔަ ހަފުތާގައި ކަރަން ޖޯހަރު ރިމެކިން ރައިޓްސް ހޯދި ތެލެގޫ ފިލްމު "ޑިއާ ކޮމްރޭޑް" ގެ ހިންދީ ފިލްމުގެ ލީޑް ރޯލަށް ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު ހަމަޖައްސާފައިވާ ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

އެ ފިލްމަށް އެ ދެ ތަރިން ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ އާ ފިލްމަކަށް ޖާންވީ އާއި އިޝާންގެ ޖޯޑު ގެންނަން އުޅޭ ކަމަށް އަޑުތައް ވެސް އަރާފައި ވަނިކޮށެވެ. މިދިޔަ އަހަރު ކަރަން ގެނެސް ދިން "ދަޅަކް" ގެ ލީޑް ރޯލް ކުޅުނީ އެ ދެ ތަރިންނެވެ. އަދި އެ ފިލްމަކީ ޖާންވީގެ އަލަތު ފިލްމު ވެސް މެ އެވެ.

"ޑިއާ ކޮމްރޭޑް" ގެ ހިންދީ ރިމެކްގެ ކާސްޓާ ބެހޭ ގޮތުން މީޑިއާތަކުގައި ފަތުރާ ވާހަކަތައް ދޮގުކޮށް ކަރަން ކުރި ޓްވީޓެއްގައި ބުނީ ފިލްމުގެ ކާސްޓް އަދި ހަމަނުޖައްސާ ކަމަށާއި އެއްވެސް ތަރިއަކަށް އަދި ފިލްމު ހުށަހަޅާފައި ވެސް ނުވާ ކަމަށެވެ.

"އެކަމަކު ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" އޭނާ ބުންޏެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ޑިއާ ކޮމްރޭޑް" ގެ ހިންދީ ރިމެކަށް އޮރިޖިނަލް ފިލްމުގެ އެކްޓަރު ވިޖޭ ދެވަރަކޮންޑާ ވެސް ގެންނަން ކަރަން ބޭނުންވެ އެވެ. އެކަމަކު އެއް ފިލްމެއް ދެ ފަހަރަށް ކުޅެން ބޭނުން ނުވާތީ އެ ފިލްމު ކުޅެން އޭނާ އެއްބާސް ނުވާން ނިންމާފައިވާ ކަމަށްވެ އެވެ.

ބާރަތު ކައްމާ ޑައިރެކްޓްކޮށް، މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި "ޑިއާ ކޮމްރޭޑް" ގައި ލީޑް ރޯލް ކުޅެފައި ވަނީ ވިޖޭ އާއި ރަޝްމިކާ މަންދަނާ އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ އެ ފިލްމުގެ ރައިޓްސް ކަރަން ގަތީ 6 ކްރޯޑް ރުޕީސް (871,320 ޑޮލަރު) އަށް ކަމަށް ވެސް ބައެއް މީޑިއާތަކުންނެވެ. އަދި މިއީ މިހާތަނަށް ސައުތުގެ ފިލްމެއްގެ ރިމެކިން ރައިޓްސް އެންމެ ބޮޑު އަގަކަށް ގަތް ފުރަތަމަ ފަހަރު ކަމަށްވެ އެވެ.