ޗައިނާ ދޫކޮށް އޮސްކާ އެނބުރި ޔޫރަޕަށް ދާން ބޭނުންވެއްޖެ
ޗައިނާ ދޫކޮށް އޮސްކާ އެނބުރި ޔޫރަޕަށް ދާން ބޭނުންވެއްޖެ

ބެއިޖިން، ޗައިނާ (ޖުލައި 28) - މީގެ ދެ އަހަރު ކުރިން ޗެލްސީ ދޫކޮށް ޗައިނީސް ސުޕަ ލީގަށް ބަދަލުވި ބްރެޒިލްގެ މިޑްފީލްޑަރު އޮސްކާ އަލުން ޔޫރަޕްގެ ކްލަބަކަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެފި އެވެ.

އުމުރުން 27 އަހަރުގެ އޮސްކާ 2012 ވަނަ އަހަރު ބްރެޒިލްގެ ނަސިއޮނަލް ދޫކޮށް ޗެލްސީ އަށް ބަދަލުވުމަށް ފަހު ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޔޫރަޕްގެ ގިނަ ކްލަބްތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައި އޮއްވައި 2017 ވަނަ އަހަރު ކުރީކޮޅު އޮސްކާ ޗައިނީސް ސުޕަ ލީގުގެ ޝަންހާއީ އެސްއައިޕީޖީ އަށް ބަދަލުވީ 70 މިލިއަން ޑޮލަރަށެވެ.

މިދިޔަ ދެ ސީޒަނުގައި އޮސްކާ ވަނީ ޝަންހާއީ އަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު އެ ލީގުގައި އޭނާގެ ކުޅުން މޮޅަށް ދެއްކި ނަަމަވެސް ބްރެޒިލް ޓީމުން ޖާގަ ގެއްލުނެވެ. ދާދި ފަހުން ބްރެޒިލުން ކޮޕަ އެމެރިކާ ކާމިޔާބުކުރި ޓީމުގައި ނުހިމެނުމުން އޮސްކާ ވަނީ އެކަމާ މާޔޫސްވާކަމަށް ބުނެފަ އެވެ.

އޮސްކާ ވަނީ މިހާތަނަށް ހަތަރު ކްލަބަކާ ވާހަކަ ދައްކައިފަ އެވެ. ޔޫރަޕަށް އެނބުރި އައިސް އޮސްކާ ކުޅެން ބޭނުންވަނީ އިޓަލީގަ އެވެ. ރިޕޯޓްތައް ބުނާގޮތުން އޮސްކާ ވާހަކަ ދައްކަމުން އަންނަނީ އިންޓަ މިލާނާއި އޭސީ މިލާންއާ އެވެ.

"އަހަރެން މިދިޔަ ދުވަސްތަކުގައި މި އަންނަނީ މިލާނުގެ ދެ ކްލަބާ އެކު ވާހަކަ ދައްކަމުން. ވަރަށް އަވަހަށް ގޮތެއް ނިމޭނެ. އަހަރެން އެނބުރި ޔޫރަޕަށް ދާން ބޭނުން. ބޭނުމީ އިޓާލިއަން ލީގުގައި ކުޅެން،" ބްރެޒިލް ގައުމީ ޓީމަށް 48 މެޗު ކުޅެދީފައިވާ އޮސްކާ ބުންޏެވެ.

އަލުން ޔޫރަޕްގައި ކުޅެން އޮސްކާ ބޭނުންވާ އެންމެ ބޮޑު ޓާގެޓަކީ ބްރެޒިލް ގައުމީ ޓީމުން ފުރުސަތު ހޯދުމެވެ.

ޓްރާންސްފާގެ އެހެން ހަބަރުތަކަށް ބަލާއިރު ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ އޭނާ ވިއްކާލަން ޔުނައިޓެޑުން ކިޔާ އަގުކުޑަކުރުމަށާއި އިންޓަ މިލާނަށް އޭނާ ދޫކޮށްލަން އެދިފަ އެވެ. އާޖެންޓީނާގެ ވިންގް ޕައޮލޯ ޑިބާލާ ހޯދަން ޓޮޓެންހަމުން މަސައްކަތްކުރަމުން އަންނައިރު، އޭނާގެ ވިސްނުން ހުރީ ޔުވެންޓަސްގައި މަޑުކޮށް ޖާގައެއް ހޯދަން މަސައްކަތްކުރުމަށެވެ. ފްރާންސްގެ ލިލްގެ ނިކޮލަސް ޕެޕޭ ވިއްކާލަން އެ ކްލަބުން ކިޔާ އަގުދޭން ހަތަރު ކްލަބަކުން އެއްބަސްވެފައިވާއިރު، އޭނާ މިހާރު މަޝްވަރާކުރަމުން އަންނަނީ އާސެނަލްއާ އެވެ.