ޕީކޭ އިތުރު ފުޓްބޯޅަ ކްލަބެއް ގަނެފި
ޕީކޭ އިތުރު ފުޓްބޯޅަ ކްލަބެއް ގަނެފި

ބާސެލޯނާ (ޖުލައި 28) - ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ކުރީގެ ޑިފެންޑަރު ޖެރާޑް ޕީކޭ، ސްޕެއިނުގެ ދަށް ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ޖިމްނާސްޓިކް މަންރެސާ ގަނެފި އެވެ.

މީގެ ކުރިން ޕީކޭ ވަނީ ސްޕެއިނުގެ ހަތަރު ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ އެފްސީ އެންޑޯރާ ގަނެފަ އެވެ. ޕީކޭގެ ވިޔަފާރި ކުންފުނި ކޮސްމޯސް އިން ޖިމްނާސްޓިކް މަންރެސާގެ 80 ޕަސެންޓް ގަނެފައިވާކަން އެ ކްލަބުން ވަނީ އިއުލާނުކޮށްފަ އެވެ. ޕީކޭ ވަނީ ރިޕޯޓްތައް ބުނާގޮތުން އެ ކަމަށް 28 މިލިއަން ޔޫރޯ ހޭދަކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕީކޭގެ ވިސްނުން ހުރީ އެންޑޯރާ އާއި ޖިމްނާސްޓިކް އެކުގައި ހިންގާށެވެ. އެ ގޮތުން މި ވަގުތު އެންޑޯރާގެ އެކެޑަމީއެއް ނެތުމުން މަންރޭސާ ބޭނުންކުރާނީ އެންޑޯރާ ޓީމަށް ކުޅުންތެރިން ފޯރުކޮށްދޭ އެކެޑަމީއެއްގެ ގޮތުގަ އެވެ. އަދި ގްރާސްރޫޓް ފުޓްބޯޅަ އިތުރަށް ހަރުދަނާކުރަން ބާސެލޯނާގެ ލަ މާސިއާއާ ގުޅުމުގެ ވިސްނުން ވެސް އެބަހުއްޓެވެ.

އެންޑޯރާއާ ހަވާލުވުމަށް ފަހު ޕީކޭ ވަނީ އެ ކްލަބްގެ އިންފްރާސްޓްރަކްޗާ އަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. އަދި އެ ކްލަބްގެ ހިންގުން ވަނީ ކުރިއަށް ވުރެ އެތައް ގުނައެއް ހަރުދަނާވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 32 އަހަރުގެ ޕީކޭ އަންނަނީ އިނގިރޭސި ދެ ވަނަ ނޫނީ ތިން ވަނަ ޑިވިޝަނުގެ ކްލަބެއް ވެސް ގަންނަން މަސައްކަތްކުރަމުންނެވެ. އަދި ދާދި ފަހުން ދެ ކްލަބަކާ އެކު މަޝްވަރާތަކެއް ވެސް ވަނީ ބާއްވައިފަ އެވެ.

ފުޓްބޯޅަ ކްލަބް ހިންގުމުގެ ތެރެއަށް ދާދި ފަހުން ވަތް މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ޑޭވިޑް ބެކަމް އާއި ރޮނާލްޑޯ ނަޒާރިއޯ ހިމެނެ އެވެ. ބެކަމް ވަނީ އެމެރިކާގެ ޓީމެއް ކަމަށްވާ އިންޓަ މަޔާމީގެ ހިއްސާ ގަނެ، އެ ކްލަބްގެ ހިންގުމުގައި އިސްކޮށް ބައިވެރިވާން ފަށައިފަ އެވެ. އަދި ރޮނާލްޑޯ ވަނީ ސްޕެއިނުގެ ފުރަތަމަ ޑިވިޝަނުގެ ކްލަބް ރެއާލް ވަލަޑޮލިޑް ގަނެފަ އެވެ.

އެހެން ކުޅުންތެރިންނާ ހިލާފަށް ޕީކޭ އަންނަނީ ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކަށް ވެސް އިންވެސްޓްކުރަމުންނެވެ. ޕީކޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޮސްމޯސް އިން ވަނީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)އާ އެކު ގުޅުން ބަދަހިކޮށް، އަހަރު ފަހުކޮޅުގައި އޮންނަ ފިރިހެން ޓީމް އިވެންޓް ޓެނިސް މުބާރާތް ކަމަށްވާ މަޝްހޫރު ޑޭވިސް ކަަޕަށް ބަދަލުތަކެއް ގެންނަން މަޝްވަރާ ކޮށްފަ އެވެ. މިހާރު އެ ބަދަލުތައް ވަނީ އައިޓީއެފް އިން ފާސްވެސް ކޮށްފަ އެވެ. އެ މުބާރާތް ތާވަލްކޮށްފައިވަނީ އަންނަ އަހަރު ފަހުކޮޅަށެވެ.