ރާއްޖެ އަތުން ލެޓްވިއާ އަށް ތަފާތު ބޮޑު މޮޅެއް
ރާއްޖެ އަތުން ލެޓްވިއާ އަށް ތަފާތު ބޮޑު މޮޅެއް

އައްޑޫ ސިޓީގައި މިހާރު ޔުއެފާގެ އެހީގައި ކުރިއަށްދާ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ރާއްޖޭގެ ޒުވާން ޓީމު އަތުން 7-0 އިން ހޯދި ތަފާތު ބޮޑު މޮޅާ އެކު ލީގު ބުރުގެ އެއް ވަނައިގެ ގޮތުގައި ލެޓްވިއާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ރާއްޖެ އަތުން ލެޓްވިއާ އަށް ތަފާތު ބޮޑު މޮޅެއް
ރާއްޖެ އަތުން ލެޓްވިއާ އަށް ތަފާތު ބޮޑު މޮޅެއް

އަންނަ ހޯމަ ދުވަހުގައި ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅޭ ފައިނަލުގައި ލެޓްވިއާއާ ބައްދަލުކުރާނީ ބޫޓާނެވެ. އޭއެފްސީގެ ގްރާސްރޫޓް އެވޯޑް 2017 ވަނަ އަހަރު ހާސިލްކުރި ބޫޓާން އަތުން ލެޓްވިއާ ލީގު ބުރުގައި މޮޅުވީ 5-3 އިންނެވެ.

ހަތަރު ޓީމުގެ މެދުގައި ކުޅެވޭ މި މުބާރާތުގެ ލީގު ބުރުގެ އެއް ވަނަ ލެޓްވިއާ އިން ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. އެ ޓީމަށް ނުވަ ޕޮއިންޓް ލިބުނުއިރު، ދެ ވަނަ ދިޔަ ބޫޓާނުގެ އޮތީ ހަ ޕޮއިންޓެވެ. ތިން ވަނައިގައި ނިންމާލި ސައުދީ އަރަބިއްޔާ އަށް ތިން ޕޮއިންޓް ލިބުނެވެ. އެންމެ ފުލަށް ދިޔަ ރާއްޖެ އަށް ޕޮއިންޓެއް ނުލިބެ އެވެ. ބައިކޮޅަށް 15 ގޯލު ވަންއިރު ޖެހުނީ އެންމެ ލަނޑެކެވެ.

ކުރިން ދެ މެޗުގައި ފުރަތަމަ އެގާރައިގައި ކުޅުނު ބައެއް ކުޅުންތެރިން ނުލައި މިއަދުގެ މެޗު ފެށި ލެޓްވިއާ އިން މި މެޗުގައި ޖުމްލަކޮށް ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެ ޓީމުން ފުރަތަމަ ހާފުގައި ތިން ގޯލު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ އިތުރު ހަތަރު ލަނޑު ޖަހައިފަ އެވެ.

މި މެޗުގައި ލެޓްވިއާގެ ކްރިސްޓަޕްސް ޕުޒަނޯފް ހެޓްރިކެއް ހެދިއިރު، ވެލެރީސް ލިޒޫނޯފާއި މެކްސިމަސް އަލްޕެންސް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިފަ އެވެ. އޭގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލެޓްވިއާގެ ކުޅުންތެރިން އަތުން ގެއްލުނެވެ.

އިބްރާހިމް ހަލީމް (ޖަޑާ)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމަށް މިދިޔަ ޑިސެމްބަރު މަހު ތައިލެންޑުގައި އޮޮތް ޔުއެފާ އެސިސްޓް މުބާރާތުގައި ވެސް މޮޅެއް ނުލިބެ އެވެ. މިއަދުގެ މެޗަށް ފަހު ޖަޑާ ބުނީ މުބާރާތަށް ނުކުތްއިރު ވެސް ދެކުނީ ވާދަކުރެވޭނެ އޮތީ ބޫޓާން ކަމަށާއި ދެން އޮތް ލެޓްވިއާ އާއި ސައުދީ އަރަބިއްޔާ އަކީ އެހެން ލެވެލެއް ކަމަށެވެ. އަދި އެ ވިސްނުމުގައި ބަލާއިރު ޖުމްލަ ގޮތެއްގައި ރަނގަޅަށް އެ ދެ މެޗުގައި ކުޅެވުނު ކަމަށް ޖަޑާ ބުންޏެވެ.

"ބޫޓާނަކީ އަޅުގަނޑުމެންނާ ސާފްގައި ވެސް ކުޅޭ ޓީމެއް. އެ ޓީމު އަތުން ބައެއް ފަހަރު އެބަހުރި ވިން ވެފައި ވެސް. އެކަމަކު މި ފަހަރު ބަލިވީ. މި މުބާރާތުން ހަގީގަތުގައި މި ފެނުނު ވީކް އެއްޗެއްސަށް ދެން އޮތް މުބާރާތަކަށްދާއިރު މަސައްކަތްކުރުން އޮތީ،" ކުރިން އަންހެން ގައުމީ ޓީމާއި ޒުވާން އެހެން ގައުމީ ޓީމުތަކުގައި ވެސް މަސައްކަތްުކުރި ޖަޑާ ބުންޏެވެ.

މި މުބާރާތަކީ ގިނަ އަހަރުތަކަކަށް ފަހު އުމުރުފުރާ ގައުމީ ޓީމުތަކަށް ހާއްސަ ކޮށްގެން ބޭއްވި ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ. މުސްތަގުބަލަށް ޒުވާން ޓީމުތަކެއް ބިނާކުރުމަށް އެފްއޭއެމުން ފަށާފައިވާ "ޓުވާޑްސް ފިއުޗާ"ގެ ބެނާގެ ދަށުން ކުރިއަށް އޮތްތަނުގައި މި ޓީމު އިތުރު މުބާރާތްތަކެއްގައި ވާދަކުރާނެ ކަމަށް އެފްއޭއެމުން މައުލޫމާތު ދެ އެވެ.