"ސެޔަޓް" އިން ތަކެތި އުފުލަން ޑްރޯން ބޭނުންކުރަން ފަށައިފި
"ސެޔަޓް" އިން ތަކެތި އުފުލަން ޑްރޯން ބޭނުންކުރަން ފަށައިފި

ސްޕޭނުގެ ކާރު ކުންފުނި "ސެޔަޓް" ގެ ލޮޖިސްޓިކް މަސައްކަތްތައް ހަލުވިކުރުމުގެ ގޮތުން ތަކެތި އުފުލަން ޑްރޯން ބޭނުންކުރަން ފަށައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މަގުތަކުގެ ޓްރެފިކަށް ވެސް ލުޔަށް ހޯދައި ދިނުމުގެ ގޮތުން ކުންފުނީގެ މަސައްކަތްތަކަށް ގެނައި ބަދަލާ އެކު، ތަކެތި އުފުލަން ބޭނުންކުރާ ޑްރޯނަކީ ކާބަން ފައިބާ ކެޕްސޫލެއް ހިމެނޭ އެއްޗެކެވެ. ސާމާނު ގެންދަން ޖެހޭ ހިސާބަށް ކުރިން ގެންދަން ނަގާ ވަގުތުން 80 ޕަސަންޓް މީގެ ސަބަބުން ކުޑަވާނެ އެވެ.

ތަކެތި އުފުލަން ބޭނުންކުރާ ޑްރޯނަކީ ޑައިމީޓަރުގައި 1.7 މީޓަރު ހުންނަ އަދި 95 މީޓަރު މަތިން ގަޑިއަކު 25 ކިލޯމީޓަރަށް ދަތުރު ކުރާނެ އެއްޗެކެވެ. އެގޮތުން އެސެމްބްލީ ވޯކްޝޮފާ ހަމައަށް ސާމާނު ގެންދަން އެވްރެޖްކޮށް ޑްރޯން ނަގާނީ ގާތްގަނޑަކަށް 15 މިނިޓް ކަމަށް ވެސް ސެޔަޓް އިން ބުންޏެވެ.

"ޑްރޯނަކީ ކުރިމަގުގައި ލޮޖިސްޓިކްގައި އެންމެ މުހިއްމު ވަސީލަތަށް ވެގެން ދާނެ. އަދި މީގެ ސަބަބުން ތަކެތި އުފުލަން ކުރާ ހަރަދާއި ވަގުތު ވެސް ކުޑަވެގެން ދާނެ،" ސެޔަޓްގެ ޕްރޮޑަކްޝަން އެންޑް ލޮޖިސްޓިކްގެ ވައިސް ޕްރެޒިޑެންޓް ޑރ. ކްރިސްޓިއަން ވޮލްމާ ވިދާޅުވި އެވެ.

ތަކެތި އުފުލަން ސީޓުން ޑްރޯން ބޭނުން ކުރަމުން އަންނަ އިރު މިކަން ސްޕޭނުގެ އޭވިއޭޝަން ސޭފްޓްފީ އެންޑް ސެކިއުރިޓީ އެޖެންސީ (އޭއީއެސްއޭ) އިން އަންނަނީ ސްޕަވައިޒް ވެސް ކުރަމުންނެވެ.

ސެޔަޓުން ބުނި ގޮތުގައި އެ ކުންފުނިން ލޮޖިސްޓިކަށް ޑްރޯން އޮޕަރޭޓްކުރަނީ އިލެކްޓްރިކް ބެޓެރީން ކަމަށްވާތީ މިއީ ޖައްވަށް ބޭރުވާ ކާބަންޑައޮކްސައިޑުން އަހަރަކަށް އެއް ޓަނަށް މަދުކުރެވޭނެ ކަމެކެވެ.

ސެޔަޓްގެ ލޮޖިސްޓިކަށް ޑްރޯން ބޭނުން ކުރަން ފެށި އިރު، ޑެލިވަރީގެ ހިދުމަތްދޭ ބައެއް ކުންފުނިތަކުން ވެސް އަންނަނީ ހިދުމަތް އަވަސް ކުރަން ޑްރޯން ބޭނުން ކުރުމުގެ ވިސްނުންތައް ނެރެމުންނެވެ.