28 ޖުލައި 2019 - 08:11

ބޮލީވުޑަށް ނުކުމެ މިހާރު ހުރި ހިސާބަށް އާދެވުނީ ލައްކަ ހިތްވަރާއި ބުރަ މަސައްކަތުން ކަމަށް، މިހާރު ބޮލީވުޑްގެ އެންމެ މަޝްހޫރު އައިޓަމް ގާލް ނޯރާ ފަތެހީ ބުނެފި އެވެ.
ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި، 27 އަހަރުގެ ބަތަލާ ވަނީ އޭނާ ކުރިމަތިލާން ޖެހުނު ހިތްދަތި ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ. މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ އައިޓަލް ލަވަ "ދިލްބަރު" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދައި، މިހާރު ޑިމާންޑް ވެސް އެތައް ގުނަޔަކަށް އުފުލިފައިވާ ނޯރާ ބުނީ ކެނެޑާ އިން އިންޑިއާ އަށް ހިޖުރަކުރީ ކާމިޔާބު ފިލްމީ ކެރިއަރެއް ބިނާ ކުރުމުގެ އުންމީދުގައި ކަމަށެވެ.
"އެކަމަކު ފުރަތަމަކޮޅު ވަރަށް ހިތްދަތި ކަންކަމާ ކުރިމަތިލާން ޖެހުނު. އެއް ކަމަކީ ހިންދީ ބަސް ނޭނގުން. އޭރު އެކުގައި މަސައްކަތްކުރި ބައެއް އެޖެންސީތަކުގެ މީހުން ބުނެފައި އެބަހުރި ކަލޭ އެނބުރި ދާށޭ. މިތަނަކަށް ކަލޭ ބޭނުމެއް ނުވެއޭ،" އަދިވެސް ފިލްމުތަކުން ލީޑް ރޯލްތައް ނުލިބޭ ބަތަލާ ބުންޏެވެ. "އަދި ވަރަށް ގިނަ އޮޑިޝަންތަކުގައި ކާސްޓިން ޑައިރެކްޓަރުންގެ ފަރާތުން ބުލީއާ ވެސް ކުރިމަތިލާން ޖެހުނު. އެއީ ދުވަހަކު ވެސް ހިތުން ފިލައިގެން ދާނެ ކަހަލަ ކަންކަމެއް ނޫން."
ނޯރާ ބުނި ގޮތުގައި އެންމެ ފުރަތަމަ އޭނާއާ އެކު މަސައްކަތް ކުރި ބައެއް އެޖެންސީތަކުން ވަނީ މާލީ ގޮތުން ވެސް ގެއްލުންތަކެއް ދީފަ އެވެ. އެގޮތުން ޓީވީ ކޮމާޝަލްތަކެއް ކުޅެގެން ހޯދި 20 ލައްކަ ރުޕީސް ވެސް އެ މީހުން ނުދިން ކަމަށް ބުންޏެވެ.
ކުރީގެ ތަޖުރިބާތައް ހަނދާން ކުރަމުން ނޯރާ ބުނީ އިންޑިއާ އަށް ގޮސް ބޮލީވުޑްގައި މަސައްކަތް ކުރަން ފެށިތާ ކުރީކޮޅު ނިދަން ވެސް ޖެހުނީ ގިނަ ބަޔަކާ ކޮޓަރި ހިއްސާކުރާ ގޮތަށް ކަމަށެވެ. އަދި އޭރު އޭނާގެ ޕާސްޕޯޓް ވެސް ވަގަށް ނެގި ކަމަށް ބުންޏެވެ.
"ކުރިމަތިލާން ޖެހުނު ކަންކަމާ ހިތްދަތިވެގެން އެތައް ފަހަރަކު ހިތަށް އެރި އެނބުރި ކެނެޑާ އަށް ދާނީއޭ ވެސް. އެކަމަކު ބޭނުން ނުވީ ބަޔަކު އަދި ދިމާކޮށްލައިގެން އުޅުނަސް ހިތްވަރު އެލުވާލައި، ފަސް އެނބުރި ނުދާން،" މިދޔަ މަހު ރިލީޒް ކުރި ސަލްމާން ހާންގެ "ބާރަތު" ގެ ރޯލެއް ވެސް ކުޅުނު ބަތަލާ ބުންޏެވެ.
ނޯރާ ކިޔައި ދިން ގޮތުގައި ބޮލީވުޑްގައި ކާމިޔާބު އަދި ބެލުންތެރިން ބަލައިގަންނަ ކަހަލަ މީހަކަށް ވެވޭނީ ވަރަށް ހިތްވަރު ގަދަވެގެންނެވެ. އެގޮތުން އޭނާއަކީ މިހާތަނަށް ކަށިން ހިތްވަރު ނެރެމުން އަންނަ އަދި ބަޔަކު ކިޔާހާ އެއްޗިއްސަކަށް މިހާރު ބަލާ މީހެއް ނޫން ކަމަށް ބުންޏެވެ.
"އެއް އިރެއްގައި ވެސް އުންމީދު ކަނޑައެއްނުލަން. ބޭނުންވީ ކުރިމަތިވި ކަންކަމާ އެކު ވެސް ދުނިޔެއާ ކުރިމަތިލައި ކުރިއަށް ދާން،" އޭނާ ބުންޏެވެ. "އެއީ މިއަދު ހަގީގަތުގައި މި ހިސާބަށް އާދެވުމުގެ ސިއްރަކީ."
ބެލުންތެރިން މިހާރު ވަނީ ވަރަށް ބޮޑަށް ނޯރާ ބަލައިގެންފަ އެވެ، ހާއްސަކޮށް ނަށަން މޮޅު އައިޓަމް ގާލްއެއްގެ ގޮތުގަ އެވެ.
އަނެއްކޮޅުން ފިލްމުތަކުން ވެސް އޭނާ އަށް އަންނަނީ ގިނަ ފުރުސަތުތަކެއް ލިބެމުންނެވެ. އަންނަ މަހު ރިލީޒްކުރާ ފިލްމު "ބަތުލާ ހައުސް" ގެ އައިޓަމް ލަވަ "އޯ ސާކީ ސާކީ" ވެސް ކުޅެފައިވާ ނޯރާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ވަރުން ދަވަން އާއި ޝްރަދާ ކަޕޫރާ އެކު އޭނާ ފެނިގެންދާ "ސްޓްރީޓް ޑާންސާ" ހިމެނެ އެވެ.
އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރާ އެ ފިލްމުވެގެން ދާނީ ނޯރާގެ ނެށުމުގެ ހުނަރު ތަފާތު ގޮތަކަށް ދައްކައިލާނެ ފިލްމަކަށެވެ.
އޮކްޓޯބަރު 2 ގައި ރިލީޒް ކުރާ "މަރުޖާވާ" ގެ އައިޓަމް ލަވައަކުން ވެސް އޭނާ ފެނިގެން ދާނެ އެވެ.