ޖަޔަލަލީތާގެ ފިލްމު "ތަަލައިވީ" އަށް ކަންގަނާ ތައްޔާރުވާން ފަށައިފި
ޖަޔަލަލީތާގެ ފިލްމު "ތަަލައިވީ" އަށް ކަންގަނާ ތައްޔާރުވާން ފަށައިފި

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމު "ތަލައިވީ" ގެ ޓައިޓްލް ރޯލް ކުޅޭ ބަތަލާ ކަންގަނާ ރަނާވަތުގެ ފިލްމަށް ތައްޔާރުވާން ފަށައިފި އެވެ.

ފިލްމުގެ ޝޫޓިން އަންނަ ސެޕްޓެމްބަރުގެ ފަހުކޮޅު ފަށަން ތާވަލުކޮށްފައިވާ އިރު، ކަންގަނާ ތަމަޅަ ބަސް ދަސް ކުރުމުގެ ކުލާސްތަކާއި ކަތަކް ޑާންސް ދަސްކުރުމުގެ ކުލާސްތަކެއް ވެސް ނަގާނެ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ހުކުރު ދުވަހު ރިލީޒް ކުރި "ޖަޖްމެންޓަލް ހޭ ކިޔާ" ގެ ބަތަލާގެ ލުކް ޓެސްޓްތަކެއް ކުރިއަށް އޮތް ހަފުތާތަކެއްގެ ތެރޭގައި ކަންގަނާ އުފަން އަވަށް މަނާލީގައި ފަށާނެ އެވެ.

"ތަލައިވީ" އަކީ އިންޑިއާގެ ސައުތާއި ބޮލީވުޑްގެ ޓީމަކުން ހަދާ ފިލްމެކެވެ. އެގޮތުން މީގެ ޑައިރެކްޓަރަކީ އޭއެލް ވިޖޭ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޖެނުއަރީ މަހު ރިލީޒް ކުރި ކަންގަނާގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އާއި "ބާހްބަލީ" ފިލްމުތަކުގެ ސްކްރީންރައިޓަރު ކޭވީ ވިޖެންދުރަ ޕްރަސާދާއި "ދަ ޑާޓީ ޕިކްޗާ" އާއި "ބާދުޝާހޯ" ގެ ސްކްރީން ރައިޓަރު ރަޖަތު އަރޯރާ އެވެ.

"ތަލައިވީ" ގައި ޖަޔަލަލީތާގެ ތައުމީ ދުވަސްވަރުން ފެށިގެން، ފިލްމު ކުޅުނު ދުވަސްވަރާއި ފަހުން ނުފޫޒު ގަދަ ސިޔާސީ ކަނބަލަކަށް ބަދަލުވެގެން ދިޔަ ގޮތް ދައްކުވައި ދޭނެ އެވެ.

ފިލްމުގެ އެއް ޕްރޮޑިއުސަރު ޝާއިލޭޝް އާރް ސިންގް ބުނި ގޮތުގައި ފިލްމު ވަރަށް ވެސް ފުރިހަމަ ފިލްމެއްގެ ގޮތުގައި ގެނެސް ދޭން މަސައްކަތް ކުރާނެ އެވެ. އެގޮތުން ޖަޔަލަލީތާގެ ސިފައިގައި ކަންގަނާ ސްކްރީނުން ދައްކައިލަން ހޮލީވުޑްގެ މޭކަޕް އާޓިސްޓުންގެ ޓީމެއް ބޭނުން ކުރާނެ ކަމަށް ބުންޏެވެ. އެގޮތުން 2017 ގައި ރިލީޒް ކުރި "ދަ ޑާކެސްޓް އަވާ" ގައި ގެރީ އޯލްޑްމަން، ވިސްޓަން ޗާޗިލް އަށް ބަދަލު ކުރި މޭކަޕާއި ޕްރޮސްތެޓިކް ޓިމް "ތަލައިވީ" އަށް ގެންނަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ފިލްމުގެ އިތުރު ކާސްޓުންނާއި ފިލްމު ރިލީޒް ކުރާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އަންނަ އަހަރު "ތަލައިވީ" ގެނެސް ދޭނެ އެވެ.

ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިިސްޓަރުގެ މަގާމު ހަ ދައުރަކަށް އަދާ ކުރެއްވި އަދި "އައްމާ" ގެ ނަމުން މަޝްހޫރުވި ޖަޔަލަލީތާ އަވަހަރާވީ ހާޓްއެޓޭކެއް ޖެހިވަޑައިގެން ފަރުވާ ދެނިކޮށް 2016 ގަ އެވެ.

އެކަމަނާގެ ވާހަކަ ކިޔައިދޭ "ތަލައިވީ" ގެނެސް ދޭނީ ދެ ބަހަކުންނެވެ. އެއީ ހިންދީ އާއި ތަމަޅައިންނެވެ. ހިންދީ ފިލްމު ގެނެސް ދޭނީ "ޖަޔާ" ގެ ނަމުގަ އެވެ.