27 ޖުލައި 2019 - 15:00

ގުދުސް (ޖުލައި 27) - އިޒްރޭލާ އެކު މީގެ ކުރިން ހަދާފައިވާ އެއްވެސް އެއްބަސްވުމަކަށް ފަލަސްތީނުން ކިޔަމަން ނުވާނެ ކަމަށް ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުން އެ ގޮތަށް ނިންމާފައި ވަނީ ގުދުސްގައި ހުރި ފަލަސްތީނު މީހުންގެ ގެތަކެއް އިޒްރޭލުން ތަޅާލުމާ ގުޅިގެން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު އެވެ.
އިޒްރޭލާއި ފަލަސްތީނާ ދެމެދު ވޭތުވެދިޔަ 25 އަހަރު ތެރޭ ވަނީ ވަރަށް ގިނަ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ވެސް ހިމެނެ އެވެ. އެންމެ ފާހަގަކޮށްލެވެނީ 1993 ވަނަ އަހަރުގެ އޮސްލޯ ސުލްހައިގެ އެއްބަސްވުމެވެ.
ރައީސް އައްބާސް ވިދާޅުވީ ފަލަސްތީނުގެ ނިންމުން ތަންފީޒް ކުރުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައްވާނެ ކަމަށެވެ. އައްބާސް މީގެ ކުރިން ވެސް ވަނީ އިޒްރޭލާ އެކު ގާއިމްކޮށްފައިވާ ހުރިހާ އެއްބަސްވުމެއް އުވާލައްވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ. ނަމަވެސް އެކަން ތަންފީޒް ކުރައްވައިފައެއް ނުވެ އެވެ. އިޒްރޭލުން ކުރިން ބުނެފައި ވަނީ އެއްބަސްވުންތައް ބާތިލްކޮށްފި ނަމަ ފަލަސްތީން އޮތޯރިޓީ ނެތިދާނެ ކަމަށެވެ.
ގުދުސްގެ ބޯޑަރު ސަރަހައްދުގައި ހުރި ފަލަސްތީން މީހުންގެ ގެތައް ތަޅާލުމުން 17 އާއިލާއެއް ވަނީ މަގުމަތިވެފަ އެވެ. ފަލަސްތީނުން ސިފަކޮށްފައި ވަނީ އެއީ އިޒްރޭލުން ހިންގި ހަނގުރާމައިގެ ބޮޑު ޖަރީމާއެއްގެ ގޮތުގަ އެވެ.