27 ޖުލައި 2019 - 14:44

ޕެރިސް (ޖުލައި 26) - މީގެ 50 އަހަރު ކުރިން ގެއްލުނު ފްރާންސްގެ ސަބްމެރިންއެއް ސާޗް ޓީމަކުން ހޯދައިފި އެވެ.

ފްރާންސްގެ ޑިފެންސް މިނިސްޓަރު ފްލޮރެންސް ޕާލީ އެކަން ސިފަކުރައްވާފައި ވަނީ "ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަ ކާމިޔާބީއެއްގެ" ގޮތުގަ އެވެ. އަދި ސަބްމެރިންގައި ތިބި މީހުންގެ އާއިލާތަކުން، ސަބްމެރިން ފެންނާނެ ވަގުތަކަށް ދިގު އިންތިޒާރެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްރާންސްގެ ދެކުނުގެ ޓޫލޮންގެ ބަނދަރު ސަރަހައްދުން ޖެނުއަރީ 1968 ގައި މިނާވް ސަބްމެރިން ގެއްލުނު އިރު އޭގައި 52 ފަޅުވެރިން ތިއްބެވެ. އެ ސަބްމެރިން ހޯދަން މީގެ ކުރިން ކުރި ހުރިހާ މަސައްކަތެއް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

ސަބްމެރިންގައި ތިބި ފަޅުވެރިންގެ އާއިލާތަކުން ތަކުރާރުކޮށް އާދޭސް ކުރަން ފެށުމުން ސަބްމެރިން ހޯދުމުގެ މަސައްކަތް އަލުން ފަށާނެކަން ޕާލީ އިއުލާން ކުރެއްވީ މި އަހަރު ކުރީކޮޅު އެވެ.
ސަބްމެރިން ހޯދާފައި ވަނީ އެމެރިކާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އޯޝަން އިންފިނިޓީންނެވެ. ގެއްލިފައިވާ އެމްއެޗް370 ހޯދުމުގެ މަސައްކަތް އެންމެ ފަހުން ކޮށްފައިވާ އޯޝަން އިންފިނިޓީން ވަނީ ސަބްމެރިން ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން ލިބިފައި ހުރި ހުރިހާ ޑޭޓާއެއް އަލުން އެނަލައިޒްކޮށްފަ އެވެ. ސަބްމެރިން އެކްސިޑެންޓްވި ސަބަބެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ސަބްމެރިން ހޯދާފައި ވަނީ ޓޫލޮންއާ 45 ކިލޯ މީޓަރު (30 މޭލު) ދުރުން، 2،370 މީޓަރު (7،800 ފޫޓު) ކަނޑު އަޑިން ކަމަށެވެ.