14 ސެޕްޓެމްބަރ 2016 - 12:14

ހދ. ކުޅުދުއްފުށީ ޒުވާން ފިރިހެނަކު އެ ރަށުގައި މަރުވެފައި އޮއްވާ ދާދިދެންމެއަކު ފެނިއްޖެ އެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނީ ގޭގައި ކޮޓަރިތެރޭގަ އެވެ.
ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ބުނީ، އެ ޒުވާނާ މިއަދު ހެނދުނު ވެސް ރަށު ތެރެއަށް ނުކުމެ އުޅުނު ކަމަށެވެ.
ކައުންސިލް މެމްބަރަކު ވިދާޅުވީ ޒުވާނަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް، އޭނާ މަރުވިކަން ނުވަތަ ނޫން ކަން އަދި ޑޮކްޓަރުން ޔަގީން ކޮށްދީފައި ނުވާ ކަމަށެވެ. އެކަމަކު އާއިލާއާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށެވެ.
"އަދި އިތުރު މައުލޫމާތެއް އަޅުގަނޑުމެންނަކަށް ވެސް ނޭނގެ،" އޭނާ ވިދާޅުވި އެވެ.
އެކަން ތަހުގީގު ކުރަމުން ދާތީ، ފުލުހުން ވެސް އަދި އެއްޗެއް ނުބުނެ އެވެ. ކުޅުދުއްފުށީ ފުލުހުން މިހާރު ތިބީ އެ ގޭތެރޭގަ އެވެ.
ކައުންސިލުން ބުނީ، ބެލެވޭ ގޮތުގައި އޭނާ މަރުވެފައި ވަނީ ޑްރަގް އޯވަޑޯޒް ވެގެންނެވެ. އެކަމަކު އެކަމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ.
ކުޅުދުއްފުށީގެ ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުގައިވާ ގޮތުން މަރުވެފައިވަނީ އެ ރަށު ބަނޑިދޫގެ، އާދަމް ގާސިމް، 30، އެވެ. އަދި އޭނާގެ ހަށިގަނޑު އަދިވެސް އޮތީ ހޮސްޕިޓަލުގައި ކަމަށް ވެބްސައިޓުތަކުގައި ވެ އެވެ.