27 ޖުލައި 2019 - 01:34

މިނިވަން ދުވަހުގެ ރަސްމީ ކުޅިވަރުތަކުން ރާއްޖޭގެ މިނިވަންކަން ހޯދަން އެކި ދުވަސްވަރު ވެފައިވާ ގުރުބާނީ އާއި ދިވެހިންނަކީ ޒަމާނުއްސުރެ އެއްބައިވަންތަ ބައެއް ކަމުގެ ހަނދާންތައް މިރޭ އާކޮށް ދީފި އެވެ.

ރާއްޖޭގެ 54 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދެވެ. ކެބިނެޓުގެ ވަޒީރުންނާއި ދައުލަތުގެ އިސް މަގާމްތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

ކުޅިވަރުތައް ފެށުމުގެ ގޮތުން އޮތީ ރައީސަށް ރިޔާސީ ކުރުނީހެއް އެރުވުމެވެ. އޭގެ ފަހުން ސްކޫލްތަކާއި ސިފައިންގެ ޝަރަފުގެ ހިނގާލުން އޮތެވެ.

ލޭޒާ ޝޯއަކާ އެކު މި އަހަރުގެ ކުޅިވަރުތައް ބޭއްވީ މި ގައުމަށްޓަކައި ކާބަފައިންގެ ގުރުބާނީ އާއި ދިވެހިންގެ ތާރީޚާއި ސަގާފަތާއި އެއްބައިވަންތަކަން ދައްކުވައިދޭ ތީމުތަކަކަށެވެ. ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރި ގޮތާއި ނޮވެމްބަރު، 3، 1988، ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާ އިން ގައުމު ދިފާއުކޮށްދިނުމުގައި ޝަހީދުވީ ބަތަލުންގެ ހަނދާން އާ ކޮށްފައިވެ އެވެ.

މީގެއިތުރުން ދިވެހިންގެ ތާރީޚާ ގުޅިފައިވާ އެއްބައިވަންތަކުގެ ރީތި ސިފަތައް ވެސް ދަރިވަރުން ހުށަހަޅައިދިނެވެ.

ސްކޫލްތަކުން ހުށަހަޅައިދިން ކުޅިވަރާއި ނެށުމުގެ އިތުރުން އެމްއެންޑީއެފްގެ ހާއްސަ ޑްރިލްއެއް ވެސް، އެހެން އަހަރުތަކެކޭ އެއްގޮތަށް މިރޭ ވެސް ބޭއްވި އެވެ. އާއްމުކޮށް ހުޅުވާލައިގެން ބޭއްވި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.
މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ ހަވީރު މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ފުޅަނދުބުރު އޮންނާނެ އެވެ.