އަޕްގްރޭޑިންގެ ބޮޑުބައި ނިމިއްޖެ: ދިރާގު
އަޕްގްރޭޑިންގެ ބޮޑުބައި ނިމިއްޖެ: ދިރާގު

ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ދިރާގުން ބުނީ، ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމަކީ ޓެކްނިކަލް ގިނަ ކަންތައްތައް ހިމެނޭ، ތަފާތު މަރުހަލާތަކަށް ބެހިގެންދާ މަސައްކަތެއް ކަަމަށެވެ. އެގޮތުން، ކުރިއަށް އޮތް މަސްތަކުގައި ވެސް އެ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ތަފާތު މަރުހަލާތަކުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން، އެއީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ތަޖުރިބާ ރަނގަޅު ކުރުމުގެ ބޭނުމުގައި އެ ކުންފުނިން ކުރާ މަސައްކަތެއް ކަމަށް ދިރާގުން ބުނެ އެވެ. އެ މަސައްކަތް ކުރިއަށް ގެންދާއިރު، އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތި ނުވާނެ ގޮތްތަކަށް ބަލާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރޭގައި، ބައެއް ޚިދުމަތްތަކަށް ބުރޫއަރައި، އަނެއް ބައި ޚިދުމަތްތައް މެދުކެނޑުނެވެ.

- ރީލޯޑް އަދި ރީޗާޖާ ގުޅޭ ޚިދުމަތްތައް.

- މޮބައިލް އެޑް އޮން އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން.

- ދިރާގު "މައި އެކައުންޓް" އަދި ދިރާގު މޮބައިލް އެޕް.

- މަމެން މޯބައިލް އެޕް.

- ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް އަދި ދިރާގު ޕާޓްނާ ޝޮޕްތަކުން އާ މޮބައިލް ޚިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުން.

ދިރާގުން ވަނީ މި ދަނޑިވަޅުގައި އެ ކުންފުނީގެ ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ކެތްތެރިކަމަށް ޝުކުރު އަދާކޮށް، ދިމާވި ދަތިތަކަށް މާފަށް އެދިފަ އެވެ.