26 ޖުލައި 2019 - 17:05

ލަންޑަން (ޖުލައި 26) - ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އިނގިރޭސި ވިލާތުގެ ބޯޓުތަކަށް އެ ގައުމުގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކުން ހިމާޔަތް ދޭން ނިންމައިފި އެވެ.

އިނގިރޭސި ދިދައިގައި ދަތުރު ކުރާ ހުރިހާ އުޅަނދެއްގެ ވެރިން ވެސް ދަތުރާ ގުޅޭ މައުލޫމާތު އެޗްއެމްއެސް މޮންޓްރޯސް އަށް ދިނުމަށް ވަނީ އަންގައިފަ އެވެ. އިނގިރޭސި ވިލާތުން މި ފިޔަވަޅު އެޅީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކޮށްފައި ދިޔަ އިނގިރޭސި ވިލާތުގެ ތެޔޮ ބޯޓު ސްޓެނާ އިމްޕެރޯ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން މިދިޔަ ހުކުރު ދުވަހު ހިފަހައްޓާފައި ވަނިކޮށެވެ. އީރާނުން ބުނެފައި ވަނީ އެ ބޯޓު ހިފެހެއްޓީ އެކްސިޑެންޓުގައި ހާލުގައި ޖެހުނު ބަޔަކަށް އެހީނުވެ، ދިއުމުން ކަމަށެވެ.

އިނގިރޭސި ސަރުކާރުގެ ނިންމުމަށް ޔޫކޭ ޗެމްބާ އޮފް ޝިޕިން އިން ވަނީ މަރުހަބާ ކިޔައިފަ އެވެ. އާ ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ތަރުޖަމާން ވިދާޅުވީ އީރާނުން ހިފަހައްޓާފައިވާ ޓޭންކަރު މިނިވަން ކުރުމަށް ސަރުކާރަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ.
އިނގިރޭސި ވިލާތުގެ ދެ ވަނަ މަނަވަރެއް ވެސް އަންނަ ހަފުތާގައި ގަލްފަށް ފޮނުވުމަށް ވަނީ ނިންމައިފަ އެވެ.