26 ޖުލައި 2019 - 17:54

މަތީގައިވާ ފޮޓޯ އަކީ މީގެ 54 އަހަރު ކުރިން ޖުލައި 26، 1965 ގައި ރާއްޖެ އަށް މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރާ މަންޒަރެވެ. ހަމައެކަނި ތަފާތަކީ މި ފޮޓޯގައި ކުޑަކުދިންތަކެއް ތިބުމެވެ. އެހެން ހުރިހާ ކަމެއް ވެސް އަސްލު ފޮޓޯއާ އެއްގޮތެވެ.

އިނގިރޭސިންގެ އަތްދަށުން ރާއްޖެ އަށް މިނިވަންކަން ލިބުނު ތާރީޚީ ވަގުތުކޮޅު މިއަދު ގިނަ ބަޔަކަށް ހަނދާން އާކޮށް ދިނީ މި ފޮޓޯއިންނެވެ.
ކުޑަކުދިން ބައިވެރިކޮށްގެން އަސްލާ އެއްގޮތަށް މި ފޮޓޯ ނަކަލު ކުރީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުންނެވެ.
އެ ސްކޫލް ހިންގާ އައިލެންޑާސްގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު "މިހާރު" އަށް ވިދާޅުވީ އެ ފޮޓޯގެ ބޭނުމަކީ މިނިވަން ދުވަހުގެ އުފަލުގައި ވީހާ ވެސް ބޮޑަށް ކުޑަކުދިން ބައިވެރި ކުރެވޭނެ ގޮތެއް ހޯދުން ކަމަށެވެ. އަގުހުރި އެ ވަގުތުކޮޅު ކުދިންނަށް ވިސްނައި ދިނުމެވެ.
ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްރީ ލަންކާގައި ހުންނަ އިނގިރޭސި ހައި ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިނގިރޭސި ހައި ކޮމިޝަނަރު މައިކަލް ވޯކާ އެވެ. އަރިހުގައި ދެ ގައުމުގެ އިސް ބޭފުޅުން ތިއްބެވި އެވެ.
މި މަންޒަރު، ކުޑަކުދިން ބައިވެރިކޮށްގެން ނަކަލު ކުރުމަކީ، އަދުލީ ވިދާޅުވި ގޮތުގައި ބިލަބޮންގުގެ ޓީޗަރުންނާއި ބެލެނިވެރިންގެ ހިޔާލެކެވެ.
"ތާރީޚީ ފޮޓޯގެ ކުޑަކުދިންގެ ވާޝަންއެއް އަޅުގަނޑުމެން ހެދީ. އެއީ ކުޑަކުދިންނަށް ވެސް އަސްލު ފެންނަން ޖެހޭ ފޮޓޯއެއް ކަަމަށް ދެކިގެން ވިސްނާފައި އެ ވަނީ ކުޑަކުދިންނާ ވީހާވެސް ގުޅޭނެ ކޮންސެޕްޓަކަށް،" އަދުލީ ވިދާޅުވި އެވެ.
"މި ފޮޓޯ ވަރަށް ޝެއާ އެބަކުރޭ، އެކަމާ ވަރަށް އުފާކުރަން."