ދެ ގަޑިއިރު ތެރޭ އާސެނަލުން ދެ ޑީލް ނިންމައިފި
ދެ ގަޑިއިރު ތެރޭ އާސެނަލުން ދެ ޑީލް ނިންމައިފި

ލަންޑަން (ޖުލައި 26) - އާސެނަލުން ދެ ގަޑިއިރުގެ ތެރޭގައި ފްރާންސްގެ އުއްމީދީ ޑިފެންޑަރު ވިލިއަމް ސަލީބާ އާއި ސްޕެއިނުގެ ހުނަރުވެރި މިޑްފީލްޑަރު ޑެނީ ސަބާޔޯސްގެ ސޮއި ހޯދައިފި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާސެނަލުން މީގެ ކުރިން ގަނެފައިވަނީ ބްރެޒިލްގެ 18 އަހަރުގެ ފޯވާޑް ގަބްރިއެލް މާޓިނެލީ އެވެ. ފްރާންސްގެ ސެއިން އެޓިއެން އަށް ކުޅެމުން އަންނަ 18 އަހަރުގެ ޑިފެންޑަރު ސަލީބާގެ ސޮއި ހޯދީ 34 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އަދި ރެއާލް މެޑްރިޑުން ސަބާޔޯސް ގެނައީ އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.

ފްރާންސްގެ ޒުވާން ގައުމީ ޓީމަށް ކުޅެމުން އަންނަ ސަލީބާގެ ސޮއި އާސެނަލުން ހޯދި ނަމަވެސް މި ސީޒަނުގައި އޭނާ އެ ޓީމުން ނުފެންނާނެ އެވެ. އެއްބަސްވުމުގައިވާ ގޮތުން މި ސީޒަނުގައި ސަލީބާ ކުޅޭނީ މިދިޔަ އަހަރު ވެސް އޭނާ ކުޅުނު ސެއިން އެޓިއެން އަށެވެ.

އުމުރުން 22 އަހަރުގެ ސްޕެއިނުގެ މިޑްފީލްޑަރު ސަބާޔޯސް އާސެނަލަށް ބަދަލުވީ ޓޮޓެންހަމުން ވެސް އޭނާ ހޯދަން މަސައްކަތްކުރަމުން އަންނަނިކޮށެވެ. ދާދި ފަހުން ސްޕެއިނުން 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ސަބާޔޯސް އާސެނަލާ ނުގުޅޭނެ ކަމަށް ވެސް ދާދި ފަހުން ބެލެވުނެވެ. އެއީ ރެއާލުގެ މިޑްފީލްޑަރު މާކޯ އަސެންސިއޯ އަށް ބޮޑު އަނިޔާއެއްވުމުންނެވެ. އެކަމަކު ކުރިން އެއްބަސްވެވިފައި އޮތް ގޮތަށް އާސެނަލަށް ސަބާޔޯސް ދޫކޮށްލަން ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ނިންމީ އެވެ.

އާސެނަލުން ވަނީ އެ ކްލަބްގެ ހިންގާ ބޯޑުން މި ފަހަރުގެ ޓްރާންސްފާ ބަޖެޓަކަށް ހަމަޖައްސާފައިވާ 45 މިލިއަން ޕައުންޑް (57 މިލިއަން ޑޮލަރު) ބޮޑުކުރަން ނިންމައިފަ އެވެ. އެ ގޮތަށް އެކަންކުރީ އާސެނަލުގެ 14 ސަޕޯޓަރުންގެ ގްރޫޕުން އެ ކްލަބްގެ ލީޑަޝިޕާ ދެކޮޅަށް ހަރަކާތްތަކެއް ހިންގާނެ ކަމަށް ބުނެ އިންޒާރުގެ ބަޔާންތަކެއް އާންމުކުރުމާ ގުޅިގެންނެވެ.

އާސެނަލުން ދެން އެންމެ އަވަހަށް ގެންނާނެ ކުޅުންތެރިޔަކީ ދާދި ފަހުން ކޮޕަ އެމެރިކާގެ ޗެމްޕިއަންކަން ބްރެޒިލުން ހޯދިއިރު އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ވިންގް އެވަޓަން ސޮއާރޭސް އެވެ. އެވަޓަން ގެންނަން ހުރިހާ ކަމެއް އާސެނަލުން ނިންމާފައިވާ ކަމަށް އާސެނަލްގެ އާ ސްޕޯޓިން ޑިރެކްޓަރު އެޑޫއާ ހަވާލާދީ ބްރެޒިލްގެ ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޓްރާންސްފާގެ އެހެން ހަބަރުތަކަށް ބަލާއިރު ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސްގެ ރޭހުން މެންޗެސްޓާ ޔުނައިޓެޑް ބޭރުވިއިރު، އެ ޓީމުން ވަނީ ލާޒިއޯގެ ސާބިއާ މިޑްފީލްޑަރު މިލިންކޮވިޗް ސަވިޗް ގެންނަން މަޝްވަރާކޮށްފަ އެވެ. ޓޮޓެންހަމުން ވަނީ ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ ގަންނަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ މިދިޔަ އަހަރު ޖެނުއަރީ މަހު އެ ޓީމު ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ބްރެޒިލްގެ ފިލިއްޕޭ ކުޓީނިއޯ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލާ ގުޅުމުގެ ފުރުސަތު ކުޑަކަމަށް ބުނެފަ އެވެ.