އެބޯލާ ފަންޑުން ވައްކަންކުރުމުން ލައިބީރިއާ އެފްއޭ ރައީސް 10 އަހަރަށް ސަސްޕެންޑްކޮށްފި
އެބޯލާ ފަންޑުން ވައްކަންކުރުމުން ލައިބީރިއާ އެފްއޭ ރައީސް 10 އަހަރަށް ސަސްޕެންޑްކޮށްފި

ޒިއުރިކް (ޖުލައި 26) - އެބޯލާ ރޯގާއާ މެދު ސަމާލުވާން ކެމްޕެއިނެއް ހިންގަން ފީފާއިން ދިން ފައިސާ އަށް ހިޔާނާތްތެރިވެފައިވާތީވެ ލައިބީރިއާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މޫސާ ހަސަން ބިލިޓީ 10 އަހަރަށް ސަސްޕެންޑްކުރަން ފީފާ އިން ނިންމައިފި އެވެ.

އެފްރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން (ސީއޭއެފް)ގެ އެކްސްކޯ މެމްބަރު ބިލިޓީ 10 އަހަރަށް ސަސްޕެންޑްކުރުމުގެ އިތުރުން 507،000 އިން ޖޫރިމަނާކުރަން ފީފާގެ އެތިކްސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ފީފާ އިން އެބޯލާއާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުން ލައިބީރިއާގައި "11 އެގެއިންސް އެބޯލާ" ކެމްޕެއިނެއް ލޯންޗު ކުރުމަށް ފަހު އެ ކަން ކުރިއަށްގެންދަން ބޮޑު ފަންޑެއް ދިނެވެ. އެފްރިކާގައި 11،000 އަށް ވުރެ ގިނަ މީހުން އެބޯލާގެ ޝިކާރަ އަކަށްވެ މަރުވިއިރު، ފީފާ އިން ފަންޑު ދިނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު ނޮވެމްބަރު މަހު ގިނަ ފުޓްބޯޅަ ތަރިން ގެނެސްގެން އެކި ކެމްޕެއިންތައް ހިންގި އެވެ. އެކަމަކު ފަންޑުގެ ބޮޑުބަޔަށް ވީ ނުވީ އެއް ނޭނގެ އެވެ. ގެއްލުނު ފަންޑްގެ އަދަދު ފަސް މިލިއަން ޑޮލަރާ ގާތްކުރާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ފީފާ އިން ބިލިޓީގެ މައްސަލަ ބަލަން ފެށީ މިދިޔަ އަހަރު މެއި މަހުގަ އެވެ. ތަހުގީގުން އެނގުނު ގޮތުގައި ބިލިޓީ ވަނީ އެފްއޭ ހިންގުމުގައި އާއިލީ ގޮތުން ގުޅުން އޮންނަ ވިޔަފާރިތަކަށް އުސޫލުން ބޭރުން މަންފާ ހޯދައިދީފަ އެވެ.

ބިލިޓީ ވަނީ ފީފާގެ ރައީސްގެ މަގާމަށް އަންނަން ވެސް މީގެ ކުރިން ކެމްޕެއިން ކޮށްފަ އެވެ. އެއީ ސެޕް ބްލެޓާ މަގާމުން ދުރުކުރުމަށް ފަހު ބޭއްވި އިންތިހާބުގަ އެވެ. ވަކި ކަންތައްތަކެއް ފުރިހަމަނުވާތީ އެ ފަހަރު ބިލިޓީ އަށް ވާދަނުކުރެވުނުއިރު، އެ އިންތިހާބު ކާމިޔާބުކޮށް ރައީސްގެ މަގާމަށް އިންތިހާބުވީ މިހާރުގެ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.

ދާދި ފަހުން ފީފާ އިން ވަނީ ބޮސްވާނާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ މޫކެޓްސީ ގޮޓްލެލޭ މުޅި އުމުރަށް ސަސްޕެންޑްކޮށްފަ އެވެ. ފީފާގެ އެތިކްސް ކޮމިޓީން އެ ގޮތަށް ނިންމީ މޫކެޓްސީގެ މައްޗަށް ރިޝްވަތު ދިނުމާއި މެޗު ފިކްސް ކުރުމުގެ ގިނަ މައްސަލަތަކެއް ސާބިތުވުމުންނެވެ. އެ އަދަބުގެ އިތުރުން މޫކެޓްސީ 51000 ޑޮލަރުން ޖޫރިމަނާ ވެސް ކުރި އެވެ.