26 ޖުލައި 2019 - 09:25

ލަންޑަން (ޖުލައި 26) - މަނާބޭހުގެ ނުބައި ދައުވާއެއްގައި ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ކްރިސްޓަލް ޕެލަސް އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު މަމަދޫ ސަކޯ އަށް އަދަބުދީފައިވާތީ އޭގެ ބަދަލެއްގެ ގޮތުގައި ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އަތުން 16 މިލިއަން ޑޮލަރު ހޯދަން އޭނާ ކޯޓުގައި ދައުވާކޮށްފި އެވެ.
އުމުރުން 29 އަހަރުގެ ސަކޯ، 2016 ވަނަ އަހަރު ލިވަޕޫލަށް ކުޅެމުން ދަނިކޮށް އޭނާ 30 ދުވަހަށް ސަސްޕެންޑްކުރީ އެ ފަހަރު ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަކަށް ފަހު މަނާބޭހަށް ކުރި ޓެސްޓެއްގައި ސަކޯ ޕޮޒިޓިވްވެފައިވާތީ އެވެ. ސަކޯ ސަސްޕެންޑްކުރަން އެންގީ ވާޑާގެ ލަފާގެ މަތިންނެވެ. އެ ސަސްޕެންޝަނުގެ ސަބަބުން ސަކޯ އަށް އެ ފަހަރު ޔޫރޮޕާ ލީގެ ފައިނަލްގެ އިތުރުން އެ އަހަރު ފްރާންސްގައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސްކޮޑުން ފުރުސަތު ގެއްލުނެވެ.
އެ މައްސަލަ ބެލުމަށް ފަހު ޔޫއޭފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަކޯގެ ސަސްޕެންޝަން އިތުރު ނުކުރަން އެ އިދާރާއިން ނިންމާފައިވާ ކަމަށެވެ. އެއީ ސަކޯ ބޭނުންކުރި ބޭހަކީ މަނާބޭހުގެ ލިސްޓަށް އޭރު ޔޫއޭފާއިން އިތުރު ކޮށްފައިނުވާ ބޭހެއް ކަމަށްވާތީ ކަމަށެވެ.
ސަކޯ ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ވާޑާގެ ފަރާތުން ހެދުނު މި ގޯހުގެ ސަބަބުން އޭނާ އަށް ގިނަ ގެއްލުންތަކެއް ކުރިމަތިވި ކަމަށާއި ލިވަޕޫލުން ވެސް އޭނާ އަށް އަދަބުދީ އެންމެ ފަހުން އޭނާ އެ ކްލަބް ދޫކޮށްލަން ޖެހުމުގައި ވެސް މި މަނާބޭހުގެ މައްސަލައިގެ ކަންތައްތަައް ހިމެނޭ ކަމަށެވެ. އަދި އެ ފަަހަރު ގައުމީ ޓީމުން ޔޫރޯ ކުޅުމުގެ ފުރުސަތު ގެއްލުމުގެ އިތުރުން މި މައްސަލަ ތެރޭގައި އޭނާގެ ނަން ކިލަނބުވެފައިވާތީ ބަދަލެއްގެ ގޮތުގައި ވާޑާ އަތުން 16 މިލިއަން ޑޮލަރު ހޯދަން އެދުނީ ކަމަށެވެ.
މަނާބޭހުގެ މައްސަލަ އަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާއި ސަކޯއާ މެދު ގުޅުން ހީނަރުވި އެވެ. އަދި ލިވަޕޫލުން ސަކޯ އަށް 2016 ވަނަ އަހަރުގެ ބާކީ ބައިގައި ފުރުސަތު ނުލިބޭތީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ލޯން އެއްބަސްވުމެއްގެ ދަށުން ކްރިސްޓަލް ޕެލަސް އަށް ކުޅުމަށް ފަހު އެ އަހަރު މެއި މަހު ދާއިމީ އެއްބަސްވުމެއްގެ ދަށުން ކުޑަ މުސާރައެއްގައި ކްރިސްޓަލް ޕެލަސްއާ ގުޅުނެވެ. ޕެލަސް އިން ސަކޯގެ ސޮއިހޯދީ ލިވަޕޫލަށް 28 މިލިއަން ޑޮލަރު ދައްކައިފަ އެވެ.
ސަކޯ ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ވާޑާގެ ވަކީލު ބުނީ މި މައްސަލައިގައި ވާޑާ އަތުން އެ ވަރުގެ ބަދަލެއް ސަކޯ އަށް ލިބުމުގެ ހައްގެއް ނެތް ކަމަށާއި ލިވަޕޫލުން ސަކޯ ދޫކޮށްލީ ޕްރީ ސީޒަން ޓުއާއެއްގެ ތެރެއިން އަހުލާގީ މައްސަލަތަކެއް ވެސް ދިމާވުމުން ކަމަށެވެ. އަދި ސަކޯގެ އާމްދަނީ އަށް ފުށުއަރާ ކަމެއް ވާޑާ އިން ގަސްދުގައި ނުކުރާ ކަމަށާއި މީގެ ބައެއްގެ އިހުމާލު އޮތްނަމަ އޭގެ ވާޑާ އެކޭ އެއްވަރަށް ޔުއެފާގެ ވެސް އެބައޮތް ކަމަށް ބުންޏެވެ.
މީގެ އިތުރުން ސަކޯގެ ވަކީލު ވާޑާއާ މެދު ކުރާ އަނެއް ތުހުމަތަކީ މީޑިއާ އަށް ވާޑާގެ ފަރާތުން މަނާބޭހުގެ މައްސަލައިގައި ސަކޯއާ ބެހޭގޮތުން ގޯސް މައުލޫމާތު ފޯރުކޮށްދީ އޭނާގެ އަގުވައްޓާލާފައިވާ ކަމަށެވެ. މި ހުރިހާ މައްސަލައެއްގައި އިތުރު އަޑު އެހުމަކަށް ދާން މިހާރު ވަނީ ނިންމައިފަ އެވެ. ކޯޓުން ނިންމީ ސަކޯ އަށް ބަދަލެއް ދޭންޖެހޭނަމަ އެ އަދަދެއް ކަނޑައެޅުމުގައި ގިނަ ކަންތައްތަކެއް ބަލަންޖެހޭ ކަމަށެވެ.