26 ޖުލައި 2019 - 07:41

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދޭން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް "މިހާރު" އަށް ވިދާޅުވީ އެންމެންނެކޭ އެއްގޮތަށް ޔާމީނަށް ވެސް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭނެ ކަމަށެވެ. މި ސަރުކާރު ގެނައުމުގައި ވެސް ވަކާލާތުކުރެއްވި ކަމަކީ އެއީ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިނުގަތަސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
"އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް އެހީތެރިވާނަން، ރައީސް ޔާމީން ވެސް،" ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން އަންނަ ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވި ގޮތުގައި، އިންސާފުގެ ހަމަ ނެގެހެއްޓުމަށްޓަކައި އެހީތެރިކަމަށް އެދޭ ކޮންމެ މީހަކަށް ވެސް ވެދެއްވެން އޮތް އެހީތެރިކަމެއް ދެއްވާނެ އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށައިފަ އެވެ. އެންމެ ފަހުން، މިދިޔަ އާދީއްތަ ދުވަހު އޮތް އަޑުއެހުމުގައި ހެކިން ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ޔާމީނަށް ވަނީ ދީފަ އެވެ.
ޔާމީންގެ ވެރިކަމުގައި ޖަމީލް ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރީ ޖަވާބުދާރިވުމުގެ ފުރުސަތު ނުދެއްވަ އެވެ. އަދި ކުރިމަތިކުރި އެކި ފިއްތުންތަކާއި އިންޒާރުތަކާ ހެދި ގައުމުން ބޭރުގައި ތިން އަހަރު އަހަރު ހޭދަކުރައްވަން މަޖުބޫރުވި އެވެ.