ޗައިނާގެ "ލަވް މަދާ" ވީ ބޮޑު ކުށްވެރިއަކަށް
ޗައިނާގެ "ލަވް މަދާ" ވީ ބޮޑު ކުށްވެރިއަކަށް

"ލަވް މަދާ" ގެ ނަމުން މަޝްހޫރުވި ޗައިނާގެ ލީ ޔަންޒިއާއަކީ ހަމަ ހަގީގަތުގައި ވެސް އެތައް ބައެއްގެ ލޯބި ހޯދި މީހެކެވެ. އޭނާއަކީ 100 އަށް ވުރެ ގިނަ ކުދިން އެޑޮޕްޓްކޮށްގެން އުޅުނު "މަޔެކެވެ". އޭނާ އަށް "ލަވް މަދާ" ގެ ލަގަބު ވެސް ލިބުނީ އިންސާނިއްޔަތަކަށްޓައި ފެށި މި މަސައްކަތާ ގުޅިގެންވެ.

އުމުރުން 54 އަހަރު ލީ ބުނެފައިވާ ގޮތުގައި އޭނާ އެހެން ދަރިންތަކެއް ބަލައި ބޮޑު ކުރަން ނިންމީ ކުރީގެ ފިރިމީހާ އެ މީހުންގެ ދަރިފުޅު 7،000 ޔުއާން އަށް ވިއްކައިލުމުން ލިބުނު ހިތްދަތިކަމާ ގުޅިގެންނެވެ. އެގޮތުން 2006 ވަނަ އަހަރުން ފެށިގެން ލީ ގެންދިޔައީ ތުއްތު ކުދިން އެޑަޕްޓްކޮށް ބަލަހައްޓަމުންނެވެ. ކުދިންގެ އަދަދު 118 އަށް އަރަ އެވެ.

ކުދިން ބައިތިއްބާނެ ހާއްސަ ފެސިލިޓީއެއް ހެބީ ޕްރޮވިންސްގެ އުފަން އަވަށް ވުއާންގައި ހަދައި އެތަނުގައި ކުދުން ބަލަހައްޓަމުން ގެންދިޔަ އެވެ. މިއީ ގިނަ ބަޔަކަށް ލީ އަށް ތައުރީފާއި ލޯބި އޮހެން މެދުވެރިވި ސަބަބެވެ. ގިނަ ބަޔަކު ގަބޫލުކުރީ އޭނާ އަކީ ނަމޫނާ އަންހެނެއްގެ ގޮތުގަ އެވެ.

އެކަމަކު ގިނަ ބަޔަކު މިހާރު ތިބީ ބޮޑު ޝޮކެއްގެ ތެރޭގަ އެވެ. ސަބަބަކީ "ލަވް މަދާ" އަށް 20 އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހުނެވެ. އޭނާގެ މައްޗަށް ކުރެވުނު ތުހުމަތަކާ ގުޅިގެން ދައުވާކޮށް، ޝަރީއަތް ހިންގައި ބުދަ ދުވަހު ހުކުމުގައި ތައްގަނޑު ޖެހި އިރު، ލީވެފައި ވަނީ ކުދިންގެ ބޭނުން ނަހަމަ ގޮތުގައި 2011 އިން ފެށިގެން ހިފައި ބޮޑެތި ޖަރީމާތައް ހިންގާ މީހަކަށެވެ. އެގޮތުން އޭނާ ހަރަކާތްތެރިވީ ގޭންގެއްގެ ގޮތުގައި ކަމަށް ކޯޓުން ސިފަކޮށްފައިވެ އެވެ.

މި މައްސަލަތަކުގައި 20 އަހަރުގެ ޖަލު ހުކުމަކާ އެކު ވުއާން ޕީޕަލްސް ކޯޓުން ވަނީ ލީ 2.67 މިލިއަން ޔުއާން އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ދައުވާތަކުން ވަނީ ލީއާ އެކު މަސައްކަތްް ކުރި ބަޔަކު އޭނާގެ ޖަރީމާތަކުގައި ބައިވެރިވެފައިވާ ކަމެވެ. އޭގެ ތެރޭގައި އޭނާގެ ލޯބިވެރިޔާ ޒީ ކީއާ އެކު ޖުމްލަ 14 މީހަކު ހިމެނެ އެވެ. ޒީގެ މައްޗަށް 12.5 އަހަރުގެ ޖަލު ހުކުމަކާ އެކު 1.2 މިލިއަން ޔުއާންގެ ޖޫރިމަނާއެއް އިއްވާފައިވެ އެވެ. ބާކީ ތިބި މީހުންގެ މައްޗަށް 4 އަހަރުގެ ޖަލު ހުކުމް އިއްވާފައިވެ އެވެ.

ކޯޓުން ލީގެ މައްޗަށް އިއްވި ހުކުމުގައި ބުނީ އެޑޮޕްޓްކޮށްގެން ގެންގުޅުނު ކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އޭނާ މިހާތަނަށް މާލީ ގޮތުން ބޮޑު މަންފާތަކެއް ހޯދާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އޭނާވެފައި ވަނީ ހެބީގެ އެންމެ މުއްސަނދި އެއް އަންހެނާއަށެވެ. ކޯޓުން ބުނި ގޮތުގައި މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ލީގެ އެކައުންޓްގައި 20 މިލިއަން ޔުއާން ހުރިކަން ދައްކަ އެވެ. އަދި އޭނާގެ މިލްކިއްޔާތުގައި އަގު ބޮޑު ލަގްޒަރީ ވެހިކަލްތަކެއް ވެސް ހުއްޓެވެ. އޭގެ ތެރޭގައި ލޭންޑް ރޯވާ އާއި މާސިޑީޒް ބެންޒް ކާރު ހިމެނެ އެވެ.

ލީގެ މައްޗަށް އިއްވި ހުކުމާ އެކު ގިނަ ބަޔަކު މިހާރު ތިބީ ރުޅިގަދަވެފަ އެވެ. ސަބަބަކީ އެތައް ބަޔަކަށް "އަސްލު ސޫރަ" އޮޅުވާލައިގެން އޭނާ ގިނަ ދުވަސްތަކެއް ވަންދެން އުޅުމެވެ. އެހެންވެ ލީ އެޑޮޕްޓް ކުރި ބައެއް ކުދިންގެ އަސްލު މައިންބަފައިން މިހާރު ބޭނުން ވަނީ އެ މީހުންގެ ދަރިންނާ ހަވާލުވާށެވެ.

"ލަވް މަދާ" ގެ ގޮތުގައި އެ މީހުން ދެކުނު މީހާއަކީ ބޮޑު ކުށްވެރިއެއްކަން އެނގުމުން ވަރަށް ގިނަ ބަޔަކު ތިބީ މާޔޫސްވެސް ވެފަ އެވެ.