"ނިކައްމާ"ގެ ރޯލަކުން ވެސް ޝިލްޕާ ޝެޓީ ފެންނާނެ
"ނިކައްމާ"ގެ ރޯލަކުން ވެސް ޝިލްޕާ ޝެޓީ ފެންނާނެ

ބަތަލާ ޝިލްޕާ ޝެޓީ އެނބުރި ބޮޑު ސްކްރީނަށް އައުމުގެ ދަތުރަށް ތައްޔާރުވަމުން އަންނަ އިރު މިދިޔަ ހަފުތާގެ ތެރޭގައި އޭނާ ވަނީ ފިލްމަކަށް ސޮއިކޮށްފަ އެވެ. އެއީ އަދި ނަން އިއުލާން ނުކުރާ ރަމޭޝް ތައުރާނީ ޕްރޮޑިއުކޮސް، ހާރޫން މިރްޒާ ޑައިރެކްޝަނަށް ނުކުންނަ ފިލްމެވެ.

ޝިލްޕާ މުހިއްމު ރޯލަކުން ފެނިގެންދާ އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ދިލްޖީތު ދޮސަންޖާއި ޔާމީ ގޯތަމް ވެސް ހިމެނެ އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން 43 އަހަރުގެ ބަތަލާ މިހާރު ވަނީ އަނެއްކާ ވެސް އިތުރު ފިލްމަކަށް ސޮއިކޮށްފަ އެވެ. އެއީ ސަބީރް ހާން ޑައިރެކްޓް ކުރާ "ނިކައްމާ" އެވެ. މި ފިލްމުގެ ކާސްޓްގައި ހިމެނެނީ ކުރީގެ ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ދައްސާނީ އާއި އަލަށް ތައާރަފުކުރާ ޝާލީ ސެތިއާ އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި "ނިކައްމާ" އަށް ޝިލްޕާ ސޮއިކުރީ ކުޅެން ލިބުނު ރޯލާ ދޭތެރޭ ހިތްހަމަޖެހުނުލެއް ބޮޑުކަމުންނެވެ. އެކަމަކު މި އެކްޝަން އެންޓައިޓައިނާގައި އޭނާ ފެނިގެން ދާނީ ކޮން ކަހަލަ ކެރެކްޓާއަކުން ކަމެއް ނޭނގެ އެވެ.

ކޮންމެއަކަސް 12 ވަރަކަށް އަހަރު ފަހުން އަލުން ޝިލްޕާ ފިލްމު ކުޅެން ފެށުމަކީ އޭނާގެ ފޭނުން ލައްކަ އުފާކުރާނެ ކަމެކެވެ. އެހެންވެ ދެން އިންތިޒާރުކޮށްލަން ޖެހެނީ ޝިލްޕާ ސޮއި ކުރި ފިލްމުތައް ރިލީޒް ވާނެ އިރަކަށެވެ. ޔަގީނުން ވެސް އަންނަ އަހަރު އެ ދެ ފިލްމު ވެސް ރިލީޒް ކުރާނެ އެވެ.

"ދަޅުކަން" ފަދަ ފިލްމުތައް ކުޅުނު ބަތަލާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2007 ގެ "އަޕްނޭ" އެވެ.