ޕޮލިސް ސްޓޭޝަން ތެރޭގައި ނެށި ފުލުހަކު ސަސްޕެންޑްކޮށްފި
ޕޮލިސް ސްޓޭޝަން ތެރޭގައި ނެށި ފުލުހަކު ސަސްޕެންޑްކޮށްފި

އިންޑިއާގެ ގުޖުރާތުގެ އަންހެން ފުލުހަކު ޕޮލިސް ސްޓޭޝަން ތެރޭގައި ނެށި މަންޒަރު ފެންނަ ވީޑިއޯއަކާ ގުޅިގެން އޭނާ ވަޒީފާ އިން ސަސްޕެންޑްކޮށްފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި މިކަން ހިނގާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ގުޖުރާތުގެ މެހްސާނާ ޑިސްޓްރިކްޓް ފޮލިސް ސްޓޭޝަންގެ ތެރޭގަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ކޮންސްޓަބަލް އަރްޕިތާ ޗައުދަރީ ޕީޗް ގަމީހަކާއި ކަޅު ހަރުވާލެއް ލައިގެން ހުރެ، މީހުން ބަންދުކުރާ ގޮޅިއެއްގެ ކުރިމަތީގައި ހިންދީ ލަވައަކަށް ލިޕް ސިންކް ކުރަމުން ނަށާ ތަނެވެ.

މި ވީޑިއޯއަކީ އޭނާ އަމިއްލަ އަށް ނަގައިފައިވާ އެއްޗެކެވެ. އަދި ވީޑިއޯ އެންމެ ފުރަތަމަ އަޕްލޯޑް ކުރީ ޓިކްޓޮކްގަ އެވެ. އޭގެ ފަހުން އެތައް ބައެއްގެ ސަމާލު ކަމަށް ވީޑިއޯ އައިސް ބައެއް މީހުން ޓްވިޓާގައި ވީޑިއޯ ދައުރުކޮށްފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ގުޖުރާތު ސްޓޭޓްގެ ޑެޕިއުޓީ ސްޕްރިންޑެންޓް އޮފް ޕޮލިސް މަންޖީތާ ވަންޒާރާ ވިދާޅުވީ އަރުޕިތާގެ ފަރާތުން ފެނުނު އަމަލަކީ ފުލުހުންގެ މަސައްކަތުގެ އަހުލާގާ މުޅިން ހިލާފު ކަމެއް ކަމަށެވެ.

"އެއް ކަމަކީ ޑިއުޓީގައި އޭނާ އާދައިގެ ހެދުމުގައި ޕޮލިސް ސްޓޭޝަނުގައި އިނުން. އަނެއް މައްސަލައަކީ ފުލުހުން ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަނޑުން ބޭރުވެ، ޕޮލިސް ސްޓޭޝަންގެ ތެރޭގައި ނަށައި ވީޑިއޯކޮށް، އެ ސޯޝަލް މީޑިއާގައި ދައުރު ކުރުން،" އޭނާ ވިދާޅުވި އެވެ.