25 ޖުލައި 2019 - 20:14

އެވިޑް ކޮލެޖުގެ ސްޓޫޑެންޓް ކައުންސިލަށް ހޮވުނު ދަރިވަރުން މިއަދު ހުވާކޮށްފި އެވެ.
އެ ކޮލެޖުގައި ބޭއްވި ރަސްްމިއްޔާތުގައި، ކައުންސިލްގެ 13 މަގާމަކަށް ހޮވުނު ދަރިވަރުން ހުވާކޮށް އެ ދަރިވަރުންނަށް ސެޓްފިކެޓް ދީފައި ވެ އެވެ. އެ މަގާމުތަކުގެ ތެރޭގައި ކައުންސިލްގެ ރައީސާއި ނައިބު ރައިިސާއި އެކްޓިވިޓީ ކޯޑިނޭޓަރާއި މީޑިއާ ކޯޑިނޭޓަރާއި ސެކްރެޓަރީ އާއި ހަޒާންދާރު އަދި ހަޒާންދާރުގެ އެހީތެރިޔާ ހިމެނެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި އެކި މަގާމުތަކަށް 38 ދަރިވަރުން ވާދަކުރި އެވެ. އެ ކައުންސިލްގެ ދައުރު އަންނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު ހަމަވާނެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެވިޑްގެ ޗެއާމަން އަބްދުﷲ މުޝްތާގު ވިދާޅުވީ މަގާމެއް ހަވާލުކުރުމަކީ އެކަމަކަށް ބޮޑާވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އެންމެ މުހިއްމު ކަމަކަށް ވާންޖެހޭނީ އަމުރުވެރިއަކަށް ވުމުގެ ބަދަލުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.
"އެހެން މީހުންނަށް އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފި ކަމުގައިވާނަމަ އެހެން މީހުން ވަރަށް ބޮޑަށް ބަލައިގަންނާނެ. ތިކުދިންގެ އަހުލާގާ އެއްގޮތަށް ނަމޫނާ ދެއްކުމަކީ ވަރަށް މުހިއްމު ކަމެއް ކިޔެވުމުގައި ވިއަސް އަދި ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި ވެސް،" މުޝްތާގު ވިދާޅުވި އެވެ.