25 ޖުލައި 2019 - 21:32

އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން އާތިޔާ ނަސީރު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ބަދަލުގެ ގޮތުގައި 155،000ރ. ދޭން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އާތިޔާ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ ދެކޮޅަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން ނިންމީ އޭޕްރީލް 13، 2015 ގައި އާތިޔާ ވަކިކުރީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށެވެ. އެހެންވެ ބަދަލުގެ ގޮތުގައި ހަ މަސް ދުވަހުގެ މުސާރަ ދޭން ވަނީ އަމުރުކޮށްފަ އެވެ.
އޭނާ އޭރު މަގާމުން ވަކިކުރީ އަމީނިއްޔާއަށް ފައިސާ ހޯދަން ދަރިވަރުން ހިންގި ހަރާކާތަކާ ގުޅިގެންކަމަށް ވެ އެވެ. އެ އަހަރުގެ ފެބްރުއަރީ އަދި މާޗު މަހުގެ ތެރޭގައި އަމީނިއްޔާ ސްކޫލުގެ ދަރިވަރުން ހިންގި ފަންޑް ރެއިޒިންގެ ޕްރޮގްރާމާ މެދު އޭރުގެ އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ.
އާތިޔާ ވަކިކޮށްދިނުމަށް އެދި އެޑިއުކޭޝަން މިނިސްޓްރީން ސީއެސްސީއަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން ސްކޫލުތަކުން ފައިސާ އެއްކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަކީ އާއްމު ކަމެކެވެ. އަދި އަމީނިއްޔާ އިން އިން އެފަދަ ޕްރޮގްރާމެއް ހިންގުން އޭގެ ޒާތުގައި ގޯސް ނޫން ނަމަވެސް އެ ސްކޫލުން އެކަން ކޮށްފައިވަނީ މިނިސްޓްރީ ބަދުނާމުވާ ފަދަ ގޮތަކަށް ކަމަށް ވަނީ ބުނެފަ އެވެ.
އަމީނިއްޔާ ސްކޫލުން އެކަން ކުރީ ސްކޫލަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ކުރުމަށް ފުދޭ މިންވަރަށް ސަރުކާރުން ފައިސާ ނުދޭތީ ކަމަށް ދޭހަވާ ގޮތަށް އާތިޔާ އޭރު ފޭސްބުކްގައި ލިޔެފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
މަގާމުން ވަކިކުރި މައްސަލަ ހަމަ އެ އަހަރު ސިވިލް ކޯޓަށް ހުށަހަޅާފައި ވެ އެވެ. ނަމަވެސް 2016 ވަނަ އަހަރު ކޯޓުން ހުކުމްކުރީ އާތިޔާ ވަކިކުރީ ރަނގަޅަށް ކަމަށެވެ.