25 ޖުލައި 2019 - 18:47

ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރު ބ. ތުޅާދޫ އާއި ލ. މާވަށުގައި ގާއިމުކޮށްފި އެވެ.

މިއީ ބޭންކުގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ބީއެމްއެލުން ކުރާ މަސައްކަތުގެ ދަށުން ހުޅުވި ސެންޓަރުތަކެކެވެ. މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 45 ސެލްފްސާވިސް ސެންޓަރުގެ ހިދުމަތް ބީއެމްއެލުން އަންނަނީ ދެމުންނެވެ.
ބީއެމްއެލުން ބުނީ ސެލްފް ސާވިސް ސެންޓަރުތަކުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ އެ ބޭންކުގެ ސެލްފް ސާވިސް ސެންޓަރުތަކަކީ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ހިދުމަތް ދިނުމަށް އެ ބޭންކުން 300 މިލިއަން ރުފިޔާ އިންވެސްޓު ކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.
"ތުޅާދޫ އަދި މާވަަށުގެ ރައްޔިތުންނަށް ޒަމާނީ ސެލްފްސާވިސް ބޭންކިން ސެންޓަރެއް މެދުވެރިކޮށް ބޭންކިން ޚިދުމަތް ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތް ފުޅާކޮށް، ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓްގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.
ބީއެމްއެލުން ވަނީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމަށް ރާއްޖޭގެ އެކި ރަށްތަކުގައި ކޭޝް އޭޖެންޓުންނާއި ޕީއޯއެސް މާޗަންޓުންގެ އިތުރުން އޭޓީއެމްތައް ވެސް ގާއިމް ކޮށްފަ އެވެ.