ޓިއުނީޝިއާގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް އަވަހާރަވެއްޖެ
ޓިއުނީޝިއާގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް އަވަހާރަވެއްޖެ

ތޫނިސް (ޖުލައި 25) - ޓިއުނީޝިއާގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު އަލް ބާޖީ ގާއިދު އައް ސިބްސީ އުމުރުފުޅުން 92 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.

ދުނިޔޭގެ އުމުރުން އެންމެ ދޮށީ ވެރިންގެ ތެރޭގައި ހިމެނޭ އައް ސިބްސީ އަވަހާރަވީ ޓިއުނީޝިއާގެ އަސްކަރީ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. އާލާސްކަންފުޅަކާ ގުޅިގެން ހޮސްޕިޓަލްގައި އެމަނިކުފާން އެޑްމިޓްކޮށްފައި ވަނީ ޖޫން މަހު އެވެ. އަވަހަރާވި އިރު ފަރުވާ ދެމުން ދިޔައީ އައިސީޔޫގަ އެވެ.

އައް ސިބްސީ އަކީ ޒައިނުލް އާބިދީން ބިން އަލީގެ ދިގު ވެރިކަން ވައްޓާލުމަށް ފަހު 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކޮށްފައިވާ ބޭފުޅެކެވެ.

އައް ސިބްސީ ދާދި ފަހުން ވަނީ، ގައުމު ހިންގަން ޒުވާނަކަށް ފުރުސަތު ދިނުމުގެ ގޮތުން ނޮވެމްބަރު މަހު އޮންނަ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓިއުނީޝިއާ އިން 2014 ވަނަ އަހަރު ތަސްދީގުކުރި ގާނޫނު އަސާސީ ބުނާ ގޮތުން ރައީސަކު ނެތިއްޖެ ނަމަ 60 ދުވަހަށް ވުރެ ކުރު ނޫން މުއްދަތަކަށް ބޮޑު ވަޒީރު ވެރިކަމާ ހަވާލުވާން ޖެހެ އެވެ. އެއަށް ވުރެ މުއްދަތު ދިގު ވާނަމަ 90 ދުވަހުގެ މުއްދަތަށް ޕާލަމެންޓުގެ ރައީސް އަށް ފުރުސަތު ދީފައިވެ އެވެ. މި ދެ ހާލަތުގައި ގޮތެއް ނިންމާނީ ދުސްތޫރީ ކޯޓުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެ އެވެ. ނަމަވެސް ޓިއުނީޝިއާގައި ދުސްތޫރީ ކޯޓެއް އަދި ގާއިމްކޮށްފައެއް ނުވެ އެވެ.