25 ޖުލައި 2019 - 16:03

މިނިވަން ދުވަހާ ގުޅުވައިގެން ބާއްވާ ފުޅަނދުބުރުން ޖަޒީރާ އަދި ދިވެހިވަންތަކަން ފެންނާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ ވިދާޅުވީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ ފުޅަނދުބުރުގައި މިފަހަރު ފުޅަނދުތައް ގިނަވެފައި ފުރިހަމަވާނެ ކަމަށެވެ.

"ކުޑަކުދިން ޝައުގުވެރިވާނެ، ގައުމިއްޔަތާއި ދިވެހިވަންތަކަން ދައްކުވައިދޭ ފުޅަނދުތަކެއް ފެނިގެންދާނެ،" ހަފްސީ ވިދާޅުވި އެވެ.
ފުޅަނދުބުރު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ. ފުޅަނދު ބުރު އޮންނާނީ މަޖީދީމަގު، ސޯސަންމަގު، އަމީރުއަހުމަދު މަގު އަދި ބޮޑުތަކުރުފާނުމަގުގަ އެވެ. މިނިސްޓްރީން ބުނީ ފުޅަނދުތައް އާންމުންނަށް ދައްކާލާނީ އާދިއްތަ ދުވަހު ކަމަށާއި ފުޅަނދުތަކުގައި ބާއްވާ ކުޅިވަރުތަކާ އެކު އެކަން ކުރިއަށް ގެންދާނީ އިންޑަސްޓްރިއަލް ޒޯންގައި ކަމަށެވެ.
މިނިވަން ދުވަހުގެ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ހެވިކަމާއި ކުޅިވަރު އޮންނާނީ މާދަމާ ރޭ ރަސްމީ ބޯޅަ ދަނޑުގަ އެވެ. އަދި މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މިރޭ ދަރުބާރުގޭގައި އޮންނާނެ އެވެ.