25 ޖުލައި 2019 - 13:35

ކުއާލަ ލަމްޕޫރު (ޖުލައި 25) - ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ މަޑުޖައްސާލާފައިވާ 10 ބިލިއަން ޑޮލަރުގެ ރޭލްވޭ މަސައްކަތް މެލޭޝިއާ އިން މިއަދު އަލުން ފަށައިފި އެވެ.

މެލޭޝިއާގެ އިރުއުތުރާއި ހުޅަނގުން ކާރޫބާރޫ ބޮޑު މަލަކާ ކަނޑުއޮޅި ހިމެނޭ ބަނދަރު ސަރަހައްދު ގުޅާލަދޭ 640 ކިލޯ މީޓަރު (400 މޭލު) ގެ ރޭލް ލިންކް އަލުން ފެށުމުގެ ރަސްމިއްޔާތުގައި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް ވިދާޅުވީ މިއީ މެލޭޝިއާގެ ޓްރާންސްޕޯޓް ސިސްޓަމަށް ބޮޑު ބަދަލެއް ގެންނާނެ ނިޒާމެއް ކަމަށެވެ.
ޗައިނާގެ އެއް ޓްރިލިއަން ޑޮލަރުގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއު، މިދިޔަ އަހަރު ވެރިކަމަށް އައި ސަރުކާރުން ހުއްޓާލީ އެއީ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި ހިންގާފައިވާ ބޮޑު ކޮރަޕްޝަނެއް ކަމަށް ބުނެ އެވެ. އަދި އެއީ ދެފުށް ފެންނަ ގޮތަށް ހިންގާ މަޝްރޫއެއް ނޫން ކަމަށާއި އެ މަޝްރޫއުގެ ސަބަބުން ގައުމު ދަރަނިވެރިވާނެ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް މެލޭޝިއާ އާއި ޗައިނާ ސަރުކާރު އަދި އެ މަޝްރޫއުގައި ހިމެނޭ ކުންފުނިތަކުން މަޝްވަރާ ކުރުމަށް ފަހު އަގު ކުޑަކުރުމުން، އީސްޓް ކޯސްޓް ރޭލް ލިންކްގެ މަސައްކަތް އަލުން ފަށަން އެޕްރީލް މަހު ވަނީ އެއްބަސްވެފަ އެވެ. މެލޭޝިއާގެ އީސްޓް ކޯސްޓަކީ ގައުމުގެ އެހެން ހިސާބުތަކަށް ވުރެ ފަގީރު ސަރަހައްދެކެވެ.
ރޭލްގެ މަޝްރޫއު އެންމެ ފުރަތަމަ ފެށީ އޮގަސްޓް 2017 ގަ އެވެ. އެކަމަކު މިދިޔަ ޖުލައި މަހު މަޝްރޫއު ހުއްޓާލި އިރު ފުރިހަމަ ކޮށްފައި ވަނީ މަސައްކަތުގެ ކުޑަ މިންވަރެކެވެ.
މަޝްރޫއު އަލުން ފެށީ ފުރަތަމަ ކަނޑައެޅި 65.5 ބިލިއަން ރިންގިޓް (15.9 ބިލިއަން ޑޮލަރު)ގެ އަގު 44 ބިލިއަން ރިންގިޓް (10.7 ބިލިއަން ޑޮލަރު) އަށް ކުޑަ ކުރުމަށް ފަހު އެވެ. ރޭލްވޭ ރޫޓް ބަދަލުކޮށް ނިންމާ ތާރީޚު ވެސް ވަނީ 2026 ވަނަ އަހަރަށް ލަސްކޮށްފަ އެވެ.
ލޯކް ވިދާޅުވީ ރޭލްވޭ މަޝްރޫއަށް 85 ޕަސެންޓް ޚަރަދު ކުރަނީ ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކުން ކަމަށެވެ. މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިންނެވެ.