ދަށު ކޯޓުން ޖޭއެސްސީ އަށް ފަނޑިޔާރަކު އިންތިޚާބުކުރުން އަންނަ މަހު ބާއްވަނީ
ދަށު ކޯޓުން ޖޭއެސްސީ އަށް ފަނޑިޔާރަކު އިންތިޚާބުކުރުން އަންނަ މަހު ބާއްވަނީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދަށު ކޯޓުތަކުން އިންތިޚާބު ކޮށްފައިވާ މެމްބަރުގެ ދައުރު ހަމަވާތީ އެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ މަހު ބާއްވަން ނިންމައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ހުޅުވާލައިފި އެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި މިހާރު އިންނަވަނީ ޑްރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު އީސާފުޅެވެ. އޭނާ އެ މަގާމަށް އިންތިޚާބުކުރީ އޮގަސްޓް، 2014 ގަ އެވެ. އެއީ ފަސް އަހަރަށް އިންތިޚާބުކުރާ މަގާމަކަށް ވާތީ އޭނާގެ ދައުރު އަންނަ މަހު ހަމަވާނެ އެވެ.

ޑީޖޭއޭއިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު އަންނަ މަހުގެ 24 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ އިންތިޚާބުުގައި ވާދަ ކުރުމުގެ ޝަރުތަކީ ދަށު ކޯޓެއްގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކޮށްފައި ނެތުމާއި ދަށު ކޯޓުގެ ފަނޑިޔާރެއް ކަމުގައިވުމެވެ.

ދަށު ކޯޓުން ޖޭއެސްސީ އަށް ފަނޑިޔާރަކު އިންތިޚާބު ކުރުން އަންނަ މަހު ބާއްވާއިރު، ވަކީލުންގެ ތެރެއިން އެ ކޮމިޝަންގައި އިންނަވާ މެމްބަރުގެ މަގާމު ހުސްވެފައިވާތީ ވަކީލުންގެ މެދުގައި ބާއްވާ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އެ މަގާމަށް ފަސް ބޭފުޅަކު ވާދަ ކުރައްވަ އެވެ.