ޓޭންކަރު ދޫކޮށްލަން އީރާނުން ޝަރުތެއް ހުށަހަޅައިފި
ޓޭންކަރު ދޫކޮށްލަން އީރާނުން ޝަރުތެއް ހުށަހަޅައިފި

ތެހެރާން (ޖުލައި 25) - އިނގިރޭސި ސިފައިން އަރާ ޖިބްރޯލްޓާގެ ބޭރުން ހިފެހެއްޓި އީރާނުގެ ތެޔޮ ޓޭންކަރު ދޫކޮށްލާ ނަމަ އީރާނުން ހިފެހެއްޓި އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރު ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް ރައީސް ހަސަން ރޫހާނީ ދެއްވައިފި އެވެ.

"ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން ހެދި ގޯސް ރަނގަޅުކޮށްފި ނަމަ އެ މީހުންނަށް އީރާނުގެ ފަރާތުން އެއާ އެއްފަދަ ހެޔޮ ބަދަލެއް ލިބޭނެ،" ކެބިނެޓުގެ ބައްދަލުވުމުގައި ރޫހާނީ އިއްޔެ ވިދާޅުވި އެވެ.

އީރާނުގެ ތެޔޮ ހުރި ގްރޭސް 1 ޓޭންކަރު އިނގިރޭސި ސިފައިން އަރާ ޖިބްރޯލްޓާގެ ބޭރުން ހިފެހެއްޓީ މި މަހު 4 ވަނަ ދުވަހު އެވެ. އިނގިރޭސި ވިލާތުން ބުނެފައި ވަނީ އެ ޓޭންކަރު ހިފެހެއްޓީ، ޔޫރަޕުން އަޅާފައިވާ ފިޔަވަޅާ ޚިލާފަށް ސީރިއާ އަށް ތެޔޮ އުފުލާތީ ކަމަށެވެ. އޭގެ ދެ ހަފުތާ ފަހުން އީރާނުން ވަނީ އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރު ސްޓެނާ އިމްޕީރޯ ހޮރްމޫޒް ކަނޑުއޮޅިން ހިފަހައްޓައިފަ އެވެ. އީރާނުން ބުނެފައި ވަނީ އެ ޓޭންކަރު ހިފެހެއްޓީ އެކްސިޑެންޓެއްގައި ހާލުގައި ޖެހުނު އުޅަނދަށް އެހީނުވުމުން ކަމަށެވެ.

އީރާނުގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ ޓޭންކަރު ދޫކޮށްލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިނގިރޭސި ވިލާތުގެ މަންދޫބަކު ތެހެރާނަށް ފޮނުވާފައިވާ ކަމަށެވެ.

ގަލްފުގައި ދަތުރު ކުރާ އުޅަނދުތަކަށް ހިމާޔަތް ދިނުމަށްޓަކައި ބައިނަލްއަގުވާމީ ލަޝްކަރެއް އުފެއްދުމަށް އިނގިރޭސި ވިލާތުން ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ހުށަހެޅުމަށް ޔޫރަޕުގެ ބައެއް ގައުމުތަކުން ވަނީ ތާއީދު ކޮށްފަ އެވެ. ނަމަވެސް އީރާނުން ބުނެފައި ވަނީ ގަލްފުގައި ދަތުރުކުރާ ބޯޓުތަކަށް ހިމާޔަތް ދިނުމުގެ ގާބިލްކަން އެ ސަރަހައްދުގެ ގައުމުތަކަށް ލިބިގެންވާ ކަމަށެވެ.