އިންޑިޔާއަށް 1.5 ބިލިއަން ރުފިޔާގެ ޓީ ބޮންޑް ވިއްކައިފި
އިންޑިޔާއަށް 1.5 ބިލިއަން ރުފިޔާގެ ޓީ ބޮންޑް ވިއްކައިފި

އިންޑިޔާ އަށް 1.5 ބިލިއަން ރުފިޔާގެ ޓީ ބޮންޑް ވިއްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް އިއްޔެ ދެއްވި ހާއްސަ އިންޓަވިއުގައި އަމީރު ވިދާޅުވީ، ޓްރެޝަރީ ބޮންޑް ވިއްކައިގެން ލިބުނު ފައިސާ އަކީ ބަޖެޓް ސަޕޯޓަށް ހޯދި ފައިސާ ކަމަށެވެ. އެ ފައިސާ ބަޖެޓްގައި ހިމެނޭ މަޝްރޫއުތަކަށް ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިޔާ ސަރުކާރުން ދޭ އެހީގެ ތެރެއިން 150 މިލިއަން ޑޮލަރު، ޓީ ބޮންޑުގެ ގޮތުގައި ދިނުމަށް ނިންމާފައިވެ އެވެ. މީގެ ތެރެއިން 100 މިލިއަން ޑޮލަރު މިހާތަނަށް ލިބިފައިވާތީ ބާކީ ދެން އޮންނާނީ 50 މިލިއަން ޑޮލަރެވެ.

"މި އަހަރުގެ ބަޖެޓް ހުށަހެޅިފައި ވަނީ ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް. ޑެފިސިޓް ފައިނޭންސް ކުރުމަށްޓަކައި އެއްކޮށް އެ ފައިސާގެ ބޭނުން ކުރެވޭނީ. އެހެންވީމަ އޭގަ ހުންނާނެ ރިކަރެންޓް ހަރަދާއި ކެޕިޓަލް އެކްސްޕެންޑިޗާ ހަރަދު ވެސް،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ނޭޝަނަލް ޓެންޑާ ޕްރޮސެސްގައި މިހާރު ވެސް 2.4 ބިލިއަން ރުފިޔާގެ މަޝްރޫއުތައް އެވޯޑް ކޮށްފައިވާ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް 1.7 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކާފައިވާ ކަމަށެވެ. އޭގެތެރެއިން 1.5 ބިލިއަން ރުފިޔާ އިންޑިޔާ އަށް ވިއްކާފައިވާ އިރު 220 މިލިއަން ރުފިޔާއަކީ ޑޮމެސްޓިކް މާކެޓަށް ވިއްކި އަދަދެވެ.

ޓީ ބޮންޑަކީ ކުރު މުއްދަތެއްގެ ތެރޭގައި އަނބުރާ ދޭ ގޮތަށް އެހެން ގައުމަކުން ނަގާ ފައިސާ އެވެ.

އިންޑިއާ އިން ވަނީ 1.4 ބިލިއަން ޑޮލަރު ނުވަތަ 21 ބިލިއަން ރުފިޔާގެ އެހީ ދިވެހި ސަރުކާރަށް ދިނުމަށް ނިންމައިފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބަޖެޓް ސަޕޯޓަށް ބޭނުންވާ 200 މިލިއަން ޑޮލަރު ދިނުން ހިމެނެ އެވެ. ބަޖެޓް ސަޕޯޓަށް ލިބޭ 200 މިލިއަނުގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. އަދި ބާކީ 150 މިލިއަން ޑޮލަރަކީ ޓްރެޝަރީ ބޮންޑެވެ.

މީގެ އިތުރުން ދެން ހިމެނެނީ މަޝްރޫއުތަކަށް 800 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕެވެ. ސަރުކާރުން މިހާރު ވަނީ ކަރެންސީ ސްވޮޕް އެގްރީމެންޓުގައި ސޮއިކޮށްފަ އެވެ.