ނޯތު ކޮރެއާ އިން ކުރު ރާސްތާ ދެ މިސައިލް ޓެސްޓްކޮށްފި
ނޯތު ކޮރެއާ އިން ކުރު ރާސްތާ ދެ މިސައިލް ޓެސްޓްކޮށްފި

ސޯލް (ޖުލައި 25) - ނޯތު ކޮރެއާ އިން ކުރު ރާސްތާ ދެ މިސައިލް ޖަޕާން ކަނޑަށް މިއަދު ފޮނުވާލާފައިވާ ކަމަށް ސައުތު ކޮރެއާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް އިން ބުނެފި އެވެ.

ޖަޕާން ކަނޑު ނުވަތަ އިރުމަތީ ކަނޑަށް ދެ މިސައިލް ވެއްޓުމުގެ ކުރިން 430 ކިލޯ މީޓަރު (270 މޭލު) އަށް ދަތުރުކޮށްފައިވާ ކަމަށް ސައުތު ކޮރެއާ އިން ބުނެފައިވެ އެވެ. ނޯތު ކޮރެއާ އިން ދެ މިސައިލް އުދުއްސާލާފައި ވަނީ އެމެރިކާ އާއި ސައުތު ކޮރެއާ ގުޅިގެން އަންނަ މަހު ބާއްވާ އަސްކަރީ ތަމްރީނުތަކާ މެދު ޕިއޮންޔޮން އިން ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.

ނޯތު ކޮރެއާ އިން ބުނެފައި ވަނީ އެފަދަ ތަމްރީނުތަކެއް ފަށައިފި ނަމަ ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ބެހޭ މަޝްވަރާތަކަށް ހުރަސް އެޅޭނެ ކަމަށެވެ.

ސައުތު ކޮރެއާގެ ޑިފެންސް މިނިސްޓްރީން ވަނީ މަސްރަހު ހޫނުވާ ފަދަ ކަންކަން ނުކުރުމަށް ނޯތު ކޮރެއާ އަށް ގޮވާލައިފަ އެވެ.

ޖަޕާނުގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ނޯތު ކޮރެއާ އިން ފޮނުވާލި މިސައިލްތައް އެ ގައުމުގެ ކަނޑުގެ ސަރަހައްދަށް ވާސިލްވެފައި ނުވާ ކަމަށެވެ.

ނޯތު ކޮރެއާ އިން މެއި މަހު ވެސް ވަނީ ކުރު ރާސްތާ މިސައިލެއް ޓެސްޓްކޮށްފަ އެވެ.