26 ޖުލައި 2019 - 08:27

ބޮލީވުޑްގެ ނުފޫޒުގަދަ ހަތަރު ޑައިރެކްޓަރަކުވެގެން ނެޓްފްލިކްސް އަށް ހަދަމުން އަންނަ އެންތޮލޮޖީ ފިލްމު ސީރީޒްގެ ތިން ވަނަ ފިލްމު "ގޯސްޓް ސްޓޯރީޒް" އަށް ޑައިރެކްޓަރު ޒޯޔާ އަހްތަރު ޑައިރެކްޓް ކުރާ ސެގްމަންޓްގެ ބަތަލާއަކަށް ޖާންވީ ކަޕޫރް ހަމަޖައްސައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މި އަހަރުގެ ކުރީކޮޅު "ގަލީ ބޯއި" ގެނެސް ދިން ޑައިރެކްޓަރުގެ ސްކްރީންޕްލޭ ޖާންވީ އަށް ކަމުދިޔަލެއް ބޮޑުކަމުން އޭނާ ވަގުތުން އެއަށް އެއްބަސްވެފައިވެ އެވެ. ނަމަވެސް ޖާންވީއާ އެކު ޒޯޔާގެ ސެގްމަންޓުން ދެން ފެންނާނެ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި "ގޯސްޓް ސްޓޯރީޒް" ގައި ހިމެނޭ އޭނާގެ ސެގްމަންޓްގެ ޝޫޓިން ވެސް މާ ލަސްތަކެއް ނުވެ ފަށާނެ އެވެ. މި ފަހަރު ފިލްމުގައި ހިމެނޭ ހަތަރު ސެގްމަންޓް ވެސް ވެގެން ދާނީ ބިރުވެރި ހާދިސާތަކެއް ކިޔައިދޭ އެއްޗަކަށެވެ.
ޖާންވީ މި ވަގުތު އަންނަނީ ހޮރޯ ކޮމެޑީ "ރޫހީ އަފްޒާ" އާއި އަންހެން ޕައިލެއްޓެއްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ "ކަރްގިލް ގާލް" ގެ މަސައްކަތް ކުރަމުންނެވެ. ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ސޮއިކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރުގެ "ތަހުތު" އާއި "ދޯސްތާނާ 2" ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކަރަން ރައިޓްސް ހޯދި ތެލެގޫ ފިލްމު "ޑިއާ ކޮމްރޭޑް" ގެ ހިންދީ ރިމެކް ވެސް ވަނީ ޖާންވީ އަށް ހުށަހަޅައިފަ އެވެ.
ސްޓްރީމް ކުރަން ފަށާނެ އިރެއް އަދި އިއުލާން ނުކުރާ "ގޯސްޓް ސްޓޯރީ" ގެ ސެގްމަންޓްތައް ޑައިރެކްޓް ކުރަނީ ޒޯޔާގެ އިތުރުން ކަރަން، އަނޫރާގް ކެޝަޕް އަދި ދިބާކަރު ބެނަޖީ އެވެ. މި ހަތަރު މީހުން އެންމެ ފަހުން ގެނެސް ދިނީ މިދިޔަ އަހަރު ސްޓްރީމް ކުރި "ލަސްޓް ސްޓޯރީޒް" އެވެ. އޭގެ ކުރިން ގެނެސް ދިން ފުރަތަމަ އެންތޮލޮޖީ ފިލްމަކީ ސިނަމާތަކުގައި ދެއްކި 2013 ގެ "ބޮމްބޭ ޓޯކީޒް" އެވެ.