އަންޗެލޮޓީ އަށް ރެކޯޑެއް، ބަޔާނަށް ރަނގަޅު ފެށުމެއް
އަންޗެލޮޓީ އަށް ރެކޯޑެއް، ބަޔާނަށް ރަނގަޅު ފެށުމެއް

މިއުނިކް (ސެޕްޓެމްބަރު 14) - ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ކްލަބަށް އިރުޝާދުދިން ކޯޗުގެ ޝަރަފް ބަޔާން މިއުނިކްގެ ކާލޯ އަންޗެލޮޓީ ހޯދިއިރު، ބަޔާން ރޭ ކުޅުނު މެޗުން 5-0 އިން އެފްސީ ރޮސްޓޯވް ބަލިކޮށްފި އެވެ.

ބަޔާން އަކީ އަންޗެލޮޓީ ޗެމްޕިއަންސް ލީގުގައި ކޯޗުކޮށްދޭ ހަތް ވަނަ ކްލަބެވެ. އޭނާ ވަނީ މީގެ ކުރިން މި މުބާރާތުގައި ޕާމާ، ޔުވެންޓަސް، އޭސީ މިލާން، ޗެލްސީ، ޕީއެސްޖީ އަދި ރެއާލް މެޑްރިޑަށް ކޯޗުކޮށްދީފަ އެވެ. އަދި މިލާނަށް ދެ ފަހަރު، ރެއާލަށް އެއް ފަހަރު މުބާރާތް ކާމިޔާބުކޮށްދިނެވެ.

"ޗެމްޕިއަންސް ލީގަކީ އަބަދުވެސް އަހަންނަށް ހާއްސަ މުބާރާތެއް. ކޯޗެއްގެ ގޮތުގައި އަހަންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް މި މުބާރާތުގައި ބައިވެރިވުމަކީ،" އަންޗެލޮޓީ ބުންޏެވެ.

ރަޝިއާގެ ރޮސްޓޯވް ކޮޅަށް ބަޔާންގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ޒުވާން މިޑްފީލްޑަރު ޖޯޝުއާ ކިމިޗް އެވެ. އަނެއް ތިން ލަނޑު ޖެހީ ރޮބަޓް ލެވަންޑޯސްކީ އާއި ތޯމަސް މުލާ އަދި ހުއާން ބާނަޓް އެވެެ.

އަންޗެލޮޓީ ބުނީ ބަޔާން ކުޅުންތެރިންގެ ފަރާތުން އޭނާ ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ފެނުނު ކަމަށާއި މިއީ ރަނގަޅު ފެށުމެއް ކަމަށެވެ.

"އަހަރެން ބޭނުންވާ ވަރުގެ ކުޅުމެއް ކުޅުންތެރިންގެ ފަރާތުން ފެނިއްޖެ. ބޮޑު މުބާރާތެއް ފަށާއިރު މޮޅަކާ އެކު ފެށުމަކީ ވަރަށް މުހިއްމު ކަމެއް. އެކަން ހާސިލްވެއްޖެ. ދެން އޮތީ ރަނގަޅު ފޯމެއްގައި ކުރިއަށް ދިއުން،" އަންޗެލޮޓީ ބުންޏެވެ.

ބަޔާން ވަނީ ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމު އެންމެ ފަހުން މި މުބާރާތުގެ ތަށި އުފުލާލީ 2013 ވަނަ އަހަރު އެވެ.