25 ޖުލައި 2019 - 11:47

މާލޭގެ ރަސްފަންނުގެ ޕެވިލިއަން ގައި މިދިޔަ އަހަރު ހުޅުވި، ޔޫއޭއީގެ މަޝްހޫރު ފާސްޓްފުޑް ފްރެންޗައިޒް، "ޗިކިން"ގެ ރެސްޓޯރަންޓް އާ ކުންފުންޏަކުން ހިންގަން ފަށައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ޗިކިން ރެސްޓޯރަންޓް ހިންގަނީ ވެލާނާގޭ ބިލްޑިންގްގެ ކުރިމަތިން އަމީރު އަހުމަދު މަގަށް ވާ ގޮތަށް ހުންނަ ހ. ސުއެޒްގަ އެވެ. އެއީ އޮސްޓްރޭލިއާގެ މަޝްހޫރު ގްލޯރިއާ ޖީންސް ކޮފީސްގެ ފްރެންޗައިޒްގެ ދެވަނަ ރެސްޓޯރަންޓް ވެސް މާލޭގައި ހިންގާ އިމާރާތެވެ. ޗިކިން ރެސްޓޯރަންޓް އަލުން ހުޅުވީ އެ އިމާރާތުގެ ތިރީބުރީގަ އެވެ.

އެ ރެސްޓޯރަންޓް އަލުން ހުޅުއްވައި ދެއްވީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމެވެ. މި ރަސްމިއްޔާތުގައި ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް) ވެސް ބައިވެރިވެވަޑައިގަތެވެ.
ރާއްޖޭގައި ޗިކިން ރެސްޓޯރަންޓް މިހާރު ހިންގާ ބްރޫ އެންޑް ފީސްޓް ޕްރައިވެޓް ލިމިޓެޑު ޑައިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، ކަސްޓަމަރުން ބޭނުންވާ ފެންވަރަށް ޚިދުމަތް ދޭނެ ކަމަށެވެ. އަދި ސަރަހައްދުގެ ގޮތުން ގިނަ ކަސްޓަމަރުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މާލޭގެ އެންމެ މުހިންމު އެއް ލޮކޭޝަން. އޭގެ ފައިދާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެންނާނެ. ޗިކިން އަކީ ދުނިޔޭގައި އެތައް ބައެއްގެ މަގުބޫލްކަން ލިބިފައިވާ ބްރޭންޑެއް. އެންމެ މުހިންމު ކަމަކީ ޗިކިން އިން ވިއްކަނީ ހަލާލު ކާނާ ކަމަށް ވުން. މިތަނުގެ އުފެއްދުންތަކަކީ ދިވެހިންނާ ގުޅޭ ރަހަތަކެއް،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޗިކިންގެ އާ ރެސްޓޯރަންޓެއް ވެސް އަވަސް މުސްތަގުބަލެއްގައި ހުޅުވާނެ އެވެ.
ޗިކިންގެ 150 އަށް ވުރެ ގިނަ އައުޓްލެޓް 17 އަށް ވުރެ ގިނަ ގައުމުގައި ހިންގަ އެވެ.
ޗިކިންގެ އެންމެ ޚާއްސަ ބާވަތްތަކުގެ ތެރޭގައި ގްރިލްޑް ޗިކަން، ޕެރި-ޕެރި ޗިކަން، ބާގާ، ރެޕްސް، ޕިއްޒާ، ޑެޒާޓް ހިމެނެ އެވެ.
މި ރެސްޓޯރަންޓު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9 ން ރޭގަނޑު 12 އަށެވެ. ހުކުރު ދުވަހު ހުޅުވާނީ ހަވީރު 4 ން ރޭގަނޑު 12 އަށެވެ.