26 ޖުލައި 2019 - 08:27

ބޮލީވުޑްގެ ފިލްމުތަކުން ވެސް މަދުމަދުން ފެންނަ ސައުތުގެ މަޝްހޫރު އެކްޓަރު ރާނާ ދަގޫބަތީ މި ވަގުތު އެމެރިކާ އަށް ގޮސްގެން އުޅެނީ ކިޑްނީ ޓްރާންސްޕްލާންޓެއް ހަދަން ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.
ރާނާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން މި ފަހުން މާ ބޮޑަށް ވާހަކަ ދެކެވެން ފެށީ "ބާހްބަލީ" ގެ ފިލްމުތަކުގައި ހަށިގަނޑުން އެހާމެ ވަރުގަދަ ބިޔަ ވިލަންއެއްގެ ރޯލް ކުޅުނު އެކްޓަރު މި ފަހުން ވަރަށް ބޮޑަށް ހިކި، ސިފަ އަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާތީ އެވެ.
މިކަމާ ގުޅިގެން ބައެއް މީޑިއާތަކުން ކުރިން ވަނީ އެހާ ބޮޑަށް ރާނާ ހިކުނީ ފިލްމެއްގެ ކެރެކްޓާއަކަށް ކަމަށް ބުނެފަ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ފޭނުން ދަނީ ރާނާގެ ސިއްހީ ހާލަތާ މެދު ސުވާލު އުފައްދަމުންނެވެ.
އެގޮތުން ހުކުރު ދުވަހު ރިލީޒް ކުރި ވިޖޭ ދެރަވަރަކޮންޑާގެ އާ ފިލްމު "ޑިއާ ކޮމްރޭޑް" އަށް މަރުހަބާ ކިޔުމުގެ ގޮތުން އެމެރިކާގައި ހުރެ ރާނާ އިންސްޓަގްރާމްގައި އާންމު ކުރި ވީޑިއޯ މެސެޖަށް ބައެއް މީހުން ވަނީ ކިޑްނީ ޓްރާންސްޕްލާންޓެއް ހަދަނީތޯ އާއި އެހާ ބޮޑަށް ހިކުނީ ކީއްވެތޯ ސުވާލުކޮށް ކޮމެންޓްކޮށްފަ އެވެ.
އެ ސުވާލުތަކާ ގުޅިގެން ރާނާ، 34، ކުރި ކޮމެންޓްތަކެއްގައި "އަބަދު އެހާ ވަރުގަދަކޮށް ނުހުންނާނެ" ކަމަށާއި "ސިއްހަތާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ގަބޫލު ނުކުރަން އެދޭ" ކަމަށް ބުނެފަ އެވެ.
އަންނަ އޮކްޓޯބަރުގެ 25 ގައި ރިލީޒް ކުރި ހިންދީ ފިލްމު "ހައުސްފުލް 4" ގެ ރޯލެއް ވެސް ކުޅެފައިވާ ރާނާ އެމެރިކާ އަށް ދިޔައީ އޭނާ މިހާރު ކުޅެމުން އަންނަ ޑައިރެކްޓަރު ވެނޫ އުޑުގުލާގެ ފިލްމު "ވިރާތާ ޕަރްވަމް" ގެ މަސައްކަތުން ބްރޭކެއް ނެގުމަށް ފަހު އެވެ.
ރާނާ ސޮއިކޮށްފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ވެސް ހިމެނެ އެވެ. އެ ފިލްމުގެ ޝޫޓިން ވެސް މިހާރު ފަށާފައިވާ އިރު، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާނާ އެނބުރި އިންޑިއާ އަށް ގޮސް ފިލްމީ މަސައްކަތްތަކަށް ނުކުންނެ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.