25 ޖުލައި 2019 - 09:49

މޮސްކޯ، ރަޝިއާ (ޖުލައި 25) - ބޮކްސިން މެޗެއްގެ ތެރެއިން ސިކުނޑިއަށް ލިބުނު އަނިޔާތަކަކަށް ފަރުވާ ހޯދަނިކޮށް ރަޝިއާގެ މެކްސިމް ޑަޑާޝޭފް މަރުވި މައްސަލަ ރަޝިއާގެ ބޮކްސިން ފެޑެރޭޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

އެމެރިކާގެ ވޮޝިންޓަނުގައި މިދިޔަ ހުކުރު ދުވަހު ކުޅުނު ސުޕަ ލައިޓްވެއިޓް މެޗުގައި ޕޯޓެ ރިކޯގެ ތެޅުންތެރިޔާ މަޓިއާޝްއާ ވާދަކުރި މެޗުގެ 11 ވަނަ ބުރުގައި މެކްސިމް އަށް ކުރިއަށް ނުގެންދެވިގެން މެޗު ހުއްޓާލަން ޖެހުނެވެ. މެޗު ހުއްޓާލީ މެކްސިމްގެ ޓްރެއިނަރު ބަޑީ މެކްގާޓް އެންގުމުންނެވެ.
މެޗު ހުއްޓާލުމަށް ފަހު ޗޭންޖިން ރޫމަށް ގޮސް މެކްސިމް އަށް ހިނގާފައި އުޅެވޭ ވަރު ވެސް ނުވުމުން ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި ސިކުނޑި އަށް ގެއްލުންވެފައި ވާތީ ވަގުތުން ސާޖަރީ އަކަށް ދިޔަ އެވެ. ސިކުނޑި އަށް ލޭ އެޅިފައިވާތީ، މެކްސިމް ބެލި ޑޮކްޓަރުން ވަނީ ސާޖަރީ އަށް ފަހު އޭނާ ރަނގަޅު ވުމުގެ ފުރުސަތު ކުޑަކަމަށް ބުނެފަ އެވެ. މެކްސިމް މަރުވިކަން ރަޝިއާގެ ބޮކްސިން ފެޑެރޭޝަނުން އިއުލާނުކުރީ އަންގާރަ ދުވަހު އެވެ.
"މި މައްސަލަ ހިނގައިދިޔަ ގޮތް އެބަޖެހޭ ތަހުގީގުކުރަން. ފަރުވާ އަށް ދިއުން ލަސްކުރި ސަބަބާއި އަނިޔާ އެ ވަރު ވަންދެން މެޗު ކުޅުނު ސަބަބު ވެސް އެނގެންޖެހޭ. އަހަރެމެން ވަރަށް ފުޅާ ދާއިރާއެއްގައި މި ތަހުގީގު ކުރިއަށް ގެންދާނަން،" ރަޝިއާގެ ބޮކްސިން ފެޑެރޭޝަނުގެ އޮފިޝަލަކާ ހަވާލާދީ ރަޝިއާ ޓުޑޭ (އާރްޓީ) އިން ރިޕޯޓްކޮށްފައިވެ އެވެ.
މެކްސިމް ވަނީ މަޓިއާޝްއާ ތެޅުމުގެ ކުރިން އެންމެ ފަހުން ވާދަކުރި 13 މެޗުން ވެސް މޮޅުވެފަ އެވެ. މެކްސިމްގެ ޓްރެއިނަރު މެކްގާޓް ބުނީ މެޗުގެ ތެރެއިން ވެސް ހުއްޓާލަން އޭނާގެ އެދުނު ކަމަށާއި އެ ގޮތަށް ކުރިއަށްދާން މެކްސިމް ބޭނުންނުވީ ކަމަށެވެ. އެކަމަކު ހާލަތު އިތުރަށް ގޯސްވެދާނެތީ އޭނާ އަވަހަށް މެޗު ހުއްޓާލަން އެދުނީ ކަމަށެވެ.
"މިއީ ކިހާ ވަރެއްގެ ކުޅިވަރެއްކަން އަަހަންނަށް އިހުސާސް މިކުރެވެނީ. އަހަރެން މި ހުރީ ބުނާނެ އެއްޗެއް ނޭނގިފައި. މެކްސް (މެކްސިމް) އަހަރެން ގާތުގައި އޭނާގެ އެއްވެސް މައްސަލައެއް ނެތްކަމަށް ބުނަމުން ދިޔައީ. އަހަރެން މެޗު ހުއްޓާލީ އިތުރު ގޮތެއް ނެތިގެން. އެކަމަކު އެންމެ ޕަންޗަކުން ވެސް ކިހާ ގެއްލުމެއް ވެދާނެކަން. އަހަންނަށް މި އިހުސާސް ކުރެވުނީ،" އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި މެކްގާޓް ބުންޏެވެ.
މެޗު ހުއްޓާލަން ޓްރެއިނަރު މެގްގާޓް އެންގުމުގެ ކުރިން ވެސް މެކްސިމްއާ އެކު އެ މެޗުގައި ތެޅި މަޓިއާޝް ވަނީ ހުއްޓާލަން އެދިފަ އެވެ. އެކަމަކު މަޓިއާޝްގެ އެ އެދުމަށް މެކްސިމް ފުރަގަސްދިނީ ކަމަށް ރެފްރީގެ ރިޕޯޓްގައިވެ އެވެ.