25 ޖުލައި 2019 - 02:18

ރާއްޖޭގެ އެންމެ ކާމިޔާބު ދުވުންތެރިޔާ ހަސަން ސާއިދު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 200 މީޓަރު ދުވުމުން މިއަދު ލޯ މެޑެއްޔެއް ހޯދައިފި އެވެ.

މިއީ މީގެ ހަތަރު އަހަރު ކުރިން ބޭއްވި ގޭމްސްގައި 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދި ސާއިދު މި ފަހަރުގެ ގޭމްސްގައި ހޯދި ފުރަތަމަ މެޑެއްޔެވެ. މި ފަހަރު 100 މީޓަރުގައި ދުވެ އޭނާ ދިޔައީ ހަތަރު ވަނަ އަށެވެ.
މިއަދުގެ 200 މީޓަރު ދުވުމުގައި ސާއިދު 22.10 ސިކުންތުން ދުވިއިރު، ރިހި މެޑަލް ހޯދި ސީޝެލްސްގެ ޝެރީ ޑޮޑިން ނިންމީ 22.09 ސިކުންތުންނެވެ. ދެ ދުވުންތެރިންގެ ވަނަ ކަނޑައެޅީ ފޮޓޯ ފިނިޝް އިންނެވެ. ރާއްޖޭން ރިހި މެޑެއްޔަށް އެޕީލްކުރުމުން އިތުރަށް ބެލި ނަމަވެސް ޖަޖުން ނިންމީ ބަދަލެއް ނާންނަ ކަމަށެވެ. މި އިވެންޓުން ރަން މެޑަލް ހޯދީ 21.78 ސިކުންތުން ދުވި މޮރިޝަސްގެ ޖޮނަތަން ބަރްޑޮޓިއާ އެވެ.
ސާއިދަށް ދެން އޮތީ މާދަމާ އޮންނަ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އެވެ. އެންމެ ފަހުގެ އައިއޯއައިޖީން ރާއްޖެ އަށް ލިބުނު ހަމައެކަނި ރަން މެޑަލް ހޯދުމުގެ އިތުރުން ސާއިދު ވަނީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން 2017 ވަނަ އަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ހަތަރު ވަނަ ހޯދައި ސާއިދު ވަނީ ރާއްޖެ އަށް އޭޝިއާ ފެންވަރުގެ ފުރަތަމަ މެޑަލް ވެސް ހޯދައިދީފަ އެވެ.
މިއަދު އަންހެނުންގެ 5000 މީޓަރުގައި ވާދަކޮށް މަރިޔަމް އަބްދުލްކަރީމް (މަރީ) ވަނީ އެ އިވެންޓުން ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. އޭނާ މިއަދު 20 މިނެޓު 10.30 ސިކުންތުން ދުވެ މުގުރާލީ މަރިޔަމް އިނާޔާ ފާރޫގް 20 މިނެޓު 45.7 ސިކުންތުން ދުވެގެން ހަދާފައިވާ ރެކޯޑެވެ. މަރީ ދިޔައީ ހީޓުގެ ފަސް ވަނަ އަށެވެ. މި އިވެންޓުން ރަން މެޑަލް ހޯދީ 17 މިނެޓު 57.14 ސިކުންތުން ދުވި ރިޔޫނިއަންގެ އެމާ މެޓްރޯ އެވެ. ރިހި މެޑަލް އެ ގައުމުގެ ފްލެއާ ސަންޓޮސް ޑަ ސިލްވާ ހޯދީ 18 މިނެޓު 05:67 ސިކުންތުން ދުވެގެންނެވެ. އަދި ލޯ މެޑަލް ހޯދީ 18 މިނެޓު 23.63 ސިކުންތުން ދުވި މަޑަގަސްކަރައިގެ ނެނީ މެޑެލިން އެވެ.
މަރީ ވަނީ 10000 މީޓަރު ފައިނަލުގައި އިއްޔެ ވާދަކޮށް އެ އިވެންޓުން ވެސް ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. ރިޔޫނިއަން އައިލެންޑްސްގައި 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސަމްހާ އަހުމަދު 45 މިނެޓު 12.36 ސިކުންތުން ދުވެ ހެދި ރެކޯޑް މަރީ މުގުރާލީ އި 42 މިނެޓު 44.80 ސިކުންތުން ދުވެގެންނެވެ. މަރީ ދިޔައީ ހަ ވަނަ އަށެވެ.
މަރީގެ އަތުގައި 10000 މީޓަރު ދުވުމާއި 5000 މީޓަރު ދުވުމުގެ ރޯޑް އިވެންޓުގެ ގައުމީ ރެކޯޑް ވެސް އެބައޮތެވެ. އަދި 20 ކިލޯމީޓަރު، ހާފް މެރަތަން (21 ކިލޯމީޓަރު) އަދި މެރެތަން (42 ކިލޯމީޓަރު) ރެކޯޑް ވެސް އޮތީ އޭނާގެ އަތުގަ އެވެ. އޭނާ އެންމެ ފަހުން މެރެތަން ރެކޯޑް މުގުރާލީ މި އަހަރުގެ މާޗު މަހު ތުރުކީގެ ރަންއެޓޯލިއާ މެރެތަންގައި ދުވެ، އަންހެން ބައިގެ ތިން ވަނަ ހޯދައިގެންނެވެ. މިދިޔަ އަހަރުގެ ދުބާއީ މެރެތަންގައި 3 ގަޑި 34:24 މިނެޓުން ދުވެ ހެދި ރެކޯޑް އޭނާ އެ ފަހަރު މުގުރާލީ، 3 ގަޑި 30:32 މިނެޓުން ދުވެގެންނެވެ.