24 ޖުލައި 2019 - 18:42

ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ އާއި ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީއާ ގުޅޭ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ފަނޑިޔާރު ހަސަން އާއި އިސްގާޒީ އަބްދުﷲ އާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަ ބެލުމަށް ނިންމައި، ވަކި ދެ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން ފަނޑިޔާރު ހަސަންގެ މައްސަލަ ބެލުމަށް އެ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި އެ ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅުގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހިމެނިވަޑައިގަންނަވާ ގޮތަށް ކޮމެޓީއެއް އެކުލަވާލައިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އިސް ގާޒީ އަބްދުﷲ ގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމެޓީގައި ތިއްބަވަނީ ނައިބު ރައީސް މަސްތޫރާއި އެ ކޮމިޝަނަށް ހައި ކޯޓުން ކަނޑައަޅާފައިވާ މެމްބަރު ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ބަންޑާރަ ނައިބު ރިފްއަތު ކަމަށް ޖޭއެސްސީން ބުންޏެވެ.
މީގެ އިތުރުން ލ. ދަނބިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝަރީފާ ގުޅޭ މައްސަލަ ވެސް ބަލަން ނިންމައި، ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެ ކޮމެޓީގައި ތިއްބަވަނީ މަސްތޫރުގެ އިތުރުން ފަނޑިޔާރު ރައޫފާއި މެމްބަރު އީސާފުޅެވެ.
ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ނިންމިއިރު، އެ ކޮމިޝަނުން މިހާރު ވެސް ގެންދަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަތަކެއް ބަލަން ނިންމައި، ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކޮށްފައިވާއިރު ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާއި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާއި ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ އިތުރުން އެހެން މެޖިސްޓްރޭޓުންގެ މައްސަލަ ވެސް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.
އެ ކޮމިޝަނުން ދާދިފަހުން ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ވެސް ބަލަން ފަށައިފަ އެވެ. އެ ބޭފުޅުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭހަތް ދިނުމަށް ތަހުގީގު ކޮމެޓީން މިހާރު ނިންމާފައިވާއިރު، ކޮމިޝަނުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.