14 ސެޕްޓެމްބަރ 2016 - 08:22
އެޕަލްގެ އާ އޮޕަރޭޓިން ސިސްޓަމް އައިއޯއެސް10 އަންގާރަ ދުވަހު އާންމުކޮށް ޑައުންލޯޑަށް ދޫކޮށްލައިފި އެވެ.
ވަރަށް ގިނަ ބޭނުންތެރި އާ ފީޗާތަކާ އައިއޯއެސް10 ޑައުންލޯޑަށް ދޫކޮށްލުމާ އެކު ބައެއް މީހުންގެ ފަރާތުން ވަނީ ބޮޑެތި ޝަކުވާތަކާ ކުރިމަތިވެ އެވެ. ސޯޝަލް މީޑިއާގައި ބައެެއް މީހުން ބުނެފައިވާ ގޮތުގައި އާ އަޕްޑޭޓް އިސްޓޯލްކުރުމުގައި މައްސަލަތަކާ ކުރިމަތިވެ އެވެ. އަނެއް ބަޔަކު ބުނަނީ އައިއޯއެސް10 އަޅަން އުޅެން ހަދައިގެން ފޯނު ރީ-ސްޓޯ ކުރަން ޖެހުނު ކަމަށެވެ.
މި މައްސަލާގައި އެޕަލް އިން "ވާޖް" ވެބްސައިޓަށް ދިން ބަޔާނެއްގައި ބުނެފައި ވަނީ އައިއޯއެސް 10 ޑައުންލޯޑަށް ދޫކޮށްލިތާ ދެތިން ގަޑިއިރު ތެރޭ ބައެއް މައްސަލަތައް ކުރިމަތިވި ކަމަށާއި މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އާ އޯއެސް އަށް އަޕްޑޭޓްކުރުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ބުނެފައިވެ އެވެ. މައްސަލައެއް ދިމާވެއްޖެ ނަމަ ހަދަންވީ ގޮތް ވެސް އެޕަލްގެ ސައިޓުގައި ބުނެފައިވެ އެވެ.
"ސޮފްޓްވެއާ އަޕްޑޭޓްކުރުމުގައި ވަރަށް ކުޑަ ވަގުތުކޮޅަކަށް، ވަރަށް މަދު އަދަދެއްގެ ޑިވައިސްތަކަށް މައްސަލަތައް ކުރިމަތިވި. ވަރަށް އަވަހަށް އެ މައްސަލަ ވަނީ ހައްލުކޮށްފައި،" އެޕަލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އައިއޯއެސް 10 ގައި މެސެޖުކުރުމާއި ފޮޓޯ ގެންގުޅުމާއި ލޮކް ސްކްރީނަށް ވެސް ބޮޑެތި މުހިންމު ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެގޮތުން މިއީ އައިއޯއެސް އަށް އެއްފަހަރާ ގެނައި އެންމެ ބޮޑު ބަދަލެވެ.