24 ޖުލައި 2019 - 15:25

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބީޗް ވޮލީބޯޅަ އިވެންޓުގެ އިންޑިވިޖުއަލް ބައިން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ލޯ މެޑަލް ހޯދައިފި އެވެ.

ބީޗް ވޮލީބޯޅައިގެ ޓީމް އިވެންޓުން ރާއްޖެ ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. މިއީ ބީޗް ވޮލީބޯޅައިން މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. މީގެ އިތުރުން އިންޑިވިޖުއަލް ބައިން ރާއްޖެ އަށް މި ފަހަރުގެ ގޭމްސްގައި ލޯ މެޑަލް ލިބުނުއިރު، މީގެ ކުރިން 2015 ވަނަ އަހަރު މާލޭގައި ބޭއްވި އޭވީސީ ބީޗް ވޮލީބޯޅަ މުބާރާތުގައި ވެސް ރާއްޖޭން ވަނީ ލޯ މެޑަލް ހާސިލްކޮށްފަ އެވެ.
މިއަދު ކުޅުނު ބީޗް ވޮލީބޯޅަ އިންޑިވިޖުއަލް ބައިގެ ފަހު މެޗުން ރާއްޖޭގެ ޝިއުނާޒް އާއި އެޑަމްގެ ޕެއާ މޮޅުވީ ސީޝެލްސްގެ ޕެއާއެއް އަތުންނެވެ. ޝިއުނާޒާއި އެޑަމްގެ ޕެއާ ސެޓުތައް ގެންދިޔައީ 21-15، 21-10 އިންނެވެ.
ބީީޗް ވޮލީބޯޅައިގައި ދެން ހިމެނޭ ރާއްޖޭގެ ޕެއާ އަކީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު މުހައްމަދު އަދި މުހައްމަދު އަލީ އެވެ. ޓީމުގެ ކޯޗަކީ އަބްދުﷲ ނަޝީދު (އަބުޅޯ) އެވެ.
ފާއިތުވި އަހަރުތަކުގައި ބީޗް ވޮލީބޯޅައިގައި ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޖުމްލަ ގޮތެއްގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނުނެރެވެ އެވެ. އެކަމަކު ފަހަކަށް އައިސް އެކި މުބާރާތްތަކުގައި ކުޅެ ބީޗް ވޮލީ ޓީމުން އައީ ނިސްބަތުން ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ. މި ފަހަރު ޓީމުން ހޯދި ކާމިޔާބީގައި ކުޅުންތެރިންނެކޭ އެއްވަރަށް ކޯޗު އަބުޅޯގެ ދައުރު ބޮޑެވެ.
"މިއީ ރާއްޖޭން ބޭރުގައި އޮތް މުބާރާތަކުން ލިބުނު ފުރަތަމަ އިންޑިވިޖުއަލް މެޑަލް. އަސްލު އަޅުގަނޑުމެންނަށް ފެސިޓީސް ލިބިއްޖިއްޔާ އެބައެނގޭ ކުރިއަށްދާނެކަން. ރާއްޖޭގައި ހިލަވެލި ކޯޓެއް ނެތް. އެއީ އެންމެ އުނދަގޫ ކަމަކީ. ވަރަށް ގިނަ ބަޔެއްގެ މަސައްކަތް މިއީ. މިއީ މިހާރު މި ކުޅޭ ހަތަރު ކުޅުންތެރިންގެ މަސައްކަތް އެކަންޏެއް ނޫން. މީގެ ކުރިން ވެސް ޓީމުގައި ހިމެނުނު ޝާހު، އައްކަޅޭ އަދި އަނިލް މެންގެ ވެސް މަސައްކަތް،" ބީޗް ވޮލީ އަށް މި ލިބުނު ކާމިޔާބީއާ ބެހޭގޮތުން ޝިއުނާޒް ބުންޏެވެ.
އައިއޯއައިޖީގެ ބީޗް ވޮލީބޯޅައިގައި މިއަދު ކުޅޭ ދެ މެޗުގައި ވެސް ރެފްރީކަން ކުރާނީ ރާއްޖޭގެ ބީޗް ރެފްރީ އިސްމާއިލް އަބްދުﷲ (އިންމަ) އެވެ. ބީޗް ވޮލީ އަންހެން އަދި ފިރިހެން ބައިގެ ފައިނަލުގައި ވެސް ކުޅޭނީ މޮރިޝަސް އާއި ރީޔޫނިއަން އެވެ. ފިރިހެން ބައިގެ ފައިނަލުގައި ފުރަތަމަ ރެފްރީ އަކަށް ހުރުމަށް ފަހު އަންހެން ބައިގެ ފައިނަލުގައި އިންމަ ހުންނާނީ ދެ ވަނަ ރެފްރީ އަކަށެވެ. ފައިނަލް މެޗުތަކުން އިންމަ އަށް ފުރުސަތު ލިބުނީ ގޭމްސްގެ މެޗުތަކުގައި އޭނާގެ އިންސާފުކުރުންތައް ރަނގަޅުވުމުންނެވެ.
ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމަށް ވަނީ މުބާރާތް ނިމިފަ އެވެ. އެކަމަކު އެހެން އަހަރުތަކާ ހިލާފަށް މި ފަހަރު ދެ ޓީމުން ވެސް ވަނީ ކުރިއަށް ވުރެ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އޭގެ ތެރެއިން އަންހެން ޓީމު ހޯދި ކުރިއެރުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ފާހަގަކުރައްވައިފަ އެވެ.