26 ޖުލައި 2019 - 08:28

ބަތަލާ ވިދިޔާ ބާލަން ޕްރޮޑިއުސްކޮށް، ބަތަލާގެ ރޯލް ކުޅޭ ފުރަތަމަ ކުރު ފިލްމު "ނަޓްކަޓް" ގެ މަސައްކަތް ފަށައިފި އެވެ.
މި ފިލްމަކީ ވިދިޔާ އާއި ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ގުޅިގެން ހަދާ ފިލްމެކެވެ. ޝާން ވިއާސް ޑައިރެކްޓް ކުރާ "ނަޓްކަޓް" އަކީ އިންޑިއާގައި ބޮޑު ވަބާއަކަށްވެފައިވާ ރޭޕްގެ މައްސަލަތަކަށް ބިނާކޮށް ހަދާ ފިލްމެކެވެ.
ކުރު ފިލްމެއްގެ މަސައްކަތް ވިދިޔާ ފެށި އިރު، އޭނާ މުހިއްމު ރޯލަކުން ފެނިގެންދާ "މިޝަން މަންގަލް" އަންނަ މަހުގެ 15 ގައި ސިނަމާތަކަށް އަންނާނެ އެވެ.
ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ ވިދިޔާ ކުރު ފިލްމެއް ޕްރޮޑިއުސްކޮށް، އޭގެ ބަތަލާގެ ރޯލް ކުޅޭ އިރު އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ވެބް ސީރީޒެއް ވެސް ޕްރޮޑިއުސްކޮށް، އޭގައި އިންދިރާގެ ރޯލް ކުޅެން ވެސް ވިދިޔާ ވަނީ ނިންމައިފަ އެވެ.
މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ވިކީ ކޯޝަލްގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އަލުން ހުކުރު ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
ޒީ ނެޓްވޯކުން މިހާރު ބްރޯޑްކާސްޓް ވެސް ކޮށްފައިވާ ފިލްމުން އަލުން ސްކްރީނަށް ގެންނަން ނިންމީ އިންޑިއާ އިން ޖުލައި 26، 1999 ގައި ޕާކިސްތާނާ ދެކޮޅަށް ކަޝްމީރުގެ ކަރުގިލްގައި ކުރިއަށް ގެންދިޔަ ކާމިޔާބު އޮޕަރޭޝަން "ކަރުގިލް ވިޖޭ ދިވާސް" ފާހަގަ ކުރުމުގެ ގޮތުންނެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ 11 ގައި ރިލީޒް ކުރި "އުރީ" ގައި ވެސް ކިޔައި ދެނީ ޕާކިސްތާނާ ދެކޮޅަށް އިންޑިއާ އިން ކުރިއަށް ގެންދިޔަ ކާމިޔާބު އަސްކަރީ އޮޕަރޭޝަނެއްގެ ހާދިސާތަކެވެ.
އަދިތިޔާ ދާރް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ވިކީއާ އެކު، ޔާމީ ގޯތަމް، މޯހިތު ރައިނާ، ކިރިތީ ކުލްހާރީ އަދި ޕަރޭޝް ރާވަލް ހިމެނެއެވެ.
އެންމެ 45 ކްރޯޑް ރުޕީސްގެ ބަޖެޓަކުން "އުރީ" އަކީ ބޮކްސް އޮފީހުގައި 342.06 ކްރޯޑް ރުޕީސް (50 މިިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ އިންޑިއާގެ އޮރިޖިނަލް ކޮންޓެންޓްގެ ތެރެއަށް ބަތަލާ މަނީޝާ ކޮއިރާލާ ލީޑް ރޯލް ކުޅޭ ވެބް ސީރީޒެއް ވެސް އިތުރުވެއްޖެ އެވެ.
"ބޮމްބޭ ބޭގަމް" ގެ ނަން ދީފައިވާ މި ސީރިޒަކީ "ލިޕްސްޓިކް އަންޑަ މައި ބުރުގާ" ފަދަ ފިލްމުތައް ގެނެސް ދިން އަލަންކްރިތީ ޝްރިވަސްތާވް ލިޔެ، ޑައިރެކްޓް ކުރާ އެއްޗެކެވެ. މީޑިއާތަކުން ބުނި ގޮތުގައި މަނީޝާއާ އެކު، "ބޮމްބޭ ބޭގަމް" އިން ފަސް އަންހެނެއްގެ ވާހަކަ ކިޔައި ދޭނެ އެވެ. ނަމަވެސް މި ސީރީޒްގެ އިތުރު ތަފުސީލާއި ސްޓްރީމް ކުރާނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.
މިދިޔަ އަހަރު "ސަންޖޫ" އިން ފެނިގެން ދިޔަ މަނީޝާގެ ކުރިއަށް އޮތް ފިލްމަކީ ސަންޖޭ ދަތާ އެކު އޭނާ ފެނިގެންދާ އަދި ސެޕްޓެމްބަރު 20 ގައި ރިލީޒް ކުރާ "ޕްރަސްތާނަމް" އެވެ.
މިދިޔަ އަހަރު ނެޓްފްލިކްސް އިން ސްޓްރީމް ކުރި "ލަސްޓް ސްޓޯރީ" ގައި ވެސް މަނީޝާ މަސައްކަތްކޮށްފައިވެ އެވެ.
"ވަޒީރު" އާއި "ޝައިތާން" ފަދަ ފިލްމުތައް ގެނެސް ދިން ބިޖޯއި ނަމްބިއާގެ އާ ފިލްމު "ތައިޝް" ގެ ކާސްޓަށް އެކްޓަރު ޕުލްކިޓް ސަމްރާޓް ވެސް ސޮއިކޮށްފި އެވެ.
"ސަނަމް ރޭ" އާއި "ފުކްރޭ" ފަދަ ފިލްމުތައް ކުޅުނު ބަތަލު އެ ފިލްމަށް ސޮއި ކުރުމުގެ ކުރިން ޖިމް ސަރްބް އާއި އަމިތު ސާދާއި ހާޝްވަރުދަން ރާނޭ އަދި ނޭހާ ޝަރުމާ ފިލްމަށް ސޮއިކޮށްފައިވެ އެވެ. ޕުލްކިތުގެ ކުރިއަށް އޮތް ފިލްމަކީ ބޮޑު ކާސްޓަކާ އެކު އަނީސް ބަޒްމީ ނޮވެމްބަރު 9 ގައި ގެނެސްދޭ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" އެވެ.
އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭ ރިވެންޖް ތުރިލާ "ތައިޝް" ގެ ޝޫޓިން އަންނަ މަހު ލަންޑަނުގައި ފަށަން ވަނީ ތާވަލުކޮށްފަ އެވެ.