24 ޖުލައި 2019 - 12:27

ލަންޑަން (ޖުލައި 24) - އާސެނަލްގެ ޓެކްނިކަލް/ސްޕޯޓިން ޑިރެކްޓަރުގެ މަގާމާ ހަވާލުވި އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ބްރެޒިލްގެ އެޑޫ ބޭނުންވަނީ އެ ކްލަބް ތެރޭގައި އޮތް މައްސަލަތަކަށް ހައްލެއް ހޯދައި އަލުން އެ ޓީމުގެ ކާމިޔާބާ ހަމައަށް ގެންދިއުމަށް ކަމަށް ބުނެފި އެވެ.

އާސެނަލްގެ މެނޭޖްމަންޓުން ކްލަބް ހިންގުން ހަރުދަނާކުރުމުގެ ގޮތުން ޓެކްނިކަލް ޑިރެކްޓަރުގެ ރޯލެއް އުފައްދައި އެޑޫ ގެނައީ އެ ޓީމުގެ ކޯޗު އުނާއި އެމެރީގެ ލަފާގެ މަތިންނެވެ. މި ފަހަރު ކޮޕަ އެމެރިކާ ކާމިޔާބުކުރި ބްރެޒިލް ޓީމުގެ ޓެކްނިކަލް ޑިރެކްޓަރަކަށް ހުރި އެޑޫ އާސެނަލްގައި މުހިއްމު މަސައްކަތްތަކެއް ކުރާނެ އެވެ. އެ ގޮތުން އާސެނަލް ޓީމުތަކުގެ ކޯޗިން ގްރޫޕާއި ކްލަބަށް ކުޅުންތެރިން ހޯދައިދޭ ސްކައުޓުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އިތުރުން އާސެނަލުން ބޭނުންވާ ކުޅުންތެރިން ހޯދުމުގެ މަސައްކަތުގައި އިސްކޮށް ބައިވެރިވާނެ އެވެ.
މެޗަކުން ބަލިނުވެ އާސެން ވެންގާގެ އިރުޝާދުގެ ދަށުން 2004 ވަނަ އަހަރު ޕްރިމިއާ ލީގުގެ ތަށި އުފުލާލި ޓީމުގައި ހިމެނޭ އެޑޫ ބުނީ އާސެނަލަށް އައީ ބޮޑެތި އުއްމީދުތަކަކާ އެކީ ކަމަށެވެ.
"ރަނގަޅު ވިސްނުމެއްގައި ކުރިއަށްދާނަމަ ފުރަތަމަ ޖެހޭނީ އެ ވިސްނުމުގައި އުޅޭވެނެ މާހައުލެއް ބިނާކުރަން. މި ވަގުތު އާސެނަލްގައި އެކަން ކުރަން ބަލާއިރު ޗެލެންޖްތަކެއް އެބަހުރި. އެކަމަކު އެ ފަދަ ޗެލެންޖްތަކެއް ނެތި އެއްވެސް ވަޒީފާއެއް ޝައުގުވެރިނުވާނެ. އަހަރެން މި ހުރީ މި ކްލަބްގެ ހިދުމަތުގައި،" އެޑޫ ބުންޏެވެ.
އާސެނަލްގެ ވެރިޔާ އެމެރިކާގެ ބިލިއަނަރު ސްޓޭން ކްރޮއެންކާގެ ލީޑަޝިޕްގައި އެއްވެސް މިސްރާބެއް ނެތް ކަމަށާއި ކަންބޮޑުވުންތަކަށް ހައްލެއް ނުހޯދައިފިނަމަ ސަޕޯޓަރުން ކްލަބްގެ ވެރިންނާ ދެކޮޅަށް ނުކުންނަން ޖެހިދާނެ ކަމަށް ބުނެ އާސެނަލްގެ ސަޕޯޓަރުންގެ 14 ގްރޫޕަކުން ވަނީ އެ ކްލަބްގެ ލީޑަޝިޕަށް އިންޒާރެއް ދީފަ އެވެ. އޭގެ ފަހުން އާސެނަލުން ވަނީ އެ ކްލަބްގެ ހިންގާ ބޯޑުން މި ފަހަރުގެ ޓްރާންސްފާ ބަޖެޓަކަށް ހަމަޖައްސާފައިވާ 45 މިލިއަން ޕައުންޑް (57 މިލިއަން ޑޮލަރު) ބޮޑުކުރަން ނިންމައިފަ އެވެ.
އާސެނަލަށް އިނގިރޭސި ޕްރިމިއާ ލީގު ނުލިބި 15 އަހަރު ވެފައިވާއިރު، މި ސީޒަނަކީ އެ ޓީމުން ޗެމްޕިއަންސް ލީގުގައި ނުކުޅެ ޖެހިޖެހިގެން ފުރިހަމަކުރާނެ ތިން ވަނަ އަހަރެވެ. އެޑޫ ބުނީ ޓާގެޓްތަކެއް ކަނޑައަޅާއިރު، ހުރިހާ ބަޔެއްގެ ބައިވެރިވުން އޮތުން މުހިއްމު ކަމަށެވެ.
"އަހަރެމެން ކޮންމެ މެޗެއްގެ ނަތީޖާ އަށް ވެސް އެބަޖެހޭ ބުރަކޮށް މަސައްކަތްކުރަން. އަހަރެމެން މި ތިބީ ލަންޑަނުގެ ބޮޑު ކްލަބެއް ކަމަށްވާ އާސެނަލްގައި. މިއީ ދުނިޔޭގެ ނިސްބަތުން ވެސް ބޮޑު ކްލަބެއް. ކްލަބް ބޭނުންވާ މިސްރާބަށް ދެވޭނީ ހުރިހާ އެންމެންގެ ބައިވެރިވުން އޮވެގެން. އެ ބައިވެރިވުން ބޮޑުކުރަން އަހަރެން ވަރަށް ބޭނުން." އެޑޫ ބުންޏެވެ.
ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އާސެނަލުން ވަރަށް އަވަހަށް ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޑެނީ ސަބާޔޯސްގެ ސޮއިހޯދާނެ އެވެ. އަދި ބްރެޒިލްގެ ހުނަރުވެރި ވިންގް އެވަޓަން ވެސް އާސެނަލަށް ބަދަލުވާން ވަނީ އެއްބަސްވެފަ އެވެ. އާސެނަލުން އަންނަނީ ސެއިން އެޓިއެންގެ ޒުވާން ޑިފެންޑަރު ވިލިއަމް ސަލީބާ އާއި ސެލްޓިކްގެ ވާތު ބެކް ކިއެރަން ޓިއޭނީ ހޯދަން ވެސް މަސައްކަތްކުރަމުންނެވެ.