24 ޖުލައި 2019 - 12:40

ތެހެރާން (ޖުލައި 24) - ގަލްފުގައި ދަތުރުކުރާ ބޯޓުތައް ހިމާޔަތް ކުރަން ކަމަށް ބުނެ އުފައްދާ ބައިނަލްއަގުވާމީ ލަޝްކަރާ އީރާނުން ދެކޮޅު ހަދައިފި އެވެ.
އީރާނުން މިހެން ބުނެފައި ވަނީ ޔޫރަޕުގެ ލަޝްކަރެއް އުފެއްދުމަށް އިނގިރޭސި ވިލާތުން ހުށަހަޅާފައިވާ ހުށަހެޅުމަށް އިޓަލީ، ޑެންމާކް، ނެދަލޭންޑްސް އަދި ފްރާންސުން ތާއީދުކޮށްފައި ވަނިކޮށެވެ. ސިފައިންގެ ލަޝްކަރެއް އުފައްދަން އިނގިރޭސި ވިލާތުން ހުށަހެޅީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކޮށްފައި ދިޔަ އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރެއް އީރާނުން ހިފެހެއްޓުމުންނެވެ.
އިނގިރޭސިވިލާތާއި އީރާނުގެ ގުޅުން ގޯސްވީ އީރާނުގެ ތެޔޮ ހުރި ޓޭންކަރެއް މި މަހު ކުރީކޮޅު ޖިބްރޯލްޓާ ބޭރުން އިނގިރޭސި ސިފައިން ހިފެހެއްޓުމާ ގުޅިގެންނެވެ.
އީރާނުގެ ފަސްޓް ވައިސް ޕްރެޒިޑެންޓް އިޝާގު ޖަހަންގީރީ ވިދާޅުވީ ގަލްފުގައި ބައިނަލްއަގުވާމީ ލަޝްކަރެއް ބޭއްވުމަކީ ބޭނުން ކަމެއް ނޫން ކަމަށެވެ. އަދި ގަލްފުގައި ދަތުރު ކުރާ ބޯޓު ފަހަރަށް ސެކިއުރިޓީ ދިނުމުގެ ގާބިލްކަން އީރާނަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގަލްފުގެ ގައުމުތަކުގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާނީ ގަލްފުގެ ގައުމުތަކުން،" ޖަހަންގީރީ ވިދާޅުވި އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޖާވިދު ޒަރީފް ވިދާޅުވީ އެއްވެސް ބަޔަކާ އެކު ކުރިމަތިލުމަކަށް ދާން އީރާނުން ބޭނުން ނުވާ ކަމަށެވެ. އަދި ޕާސިއަން ގަލްފުގައި 150 މޭލުގެ އައްސޭރިއެއް އީރާނުން ހިއްސާ ކުރާ ކަމަށާއި އެ ސަރަހައްދު އީރާނުން ހިމާޔަތް ކުރާނެ ކަމަށެވެ.
ޒާރިފްގެ ނައިބް އައްބާސް އަރާގްޗީ ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ އުޅަނދަކަށް ވެސް އީރާނުން ރައްކާތެރިކަން ދޭނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.