13 ސެޕްޓެމްބަރ 2016 - 22:50

އީދެއްގައި އެންމެ ސަޅި، ކްރިއޭޓިވް ކަމެއް ކުރީ ކޮން ރަށެއްހޭ ބަޔަކު އަހައިފި ނަމަ މިފަހަރު ގިނަ ބައެއްގެ ޖަވާބަކަށް ވާނީ ކުޅުދުއްފުއްޓޭ އެވެ. މިހާރު ސޯޝަލް މީޑީއާގައި އޮތީ، މިއަދު އެ ރަށުގެ މަށި މާލި ޕެރޭޑްގެ ފޮޓޯތަކެވެ. އެއީ، ރާއްޖޭގައި މިހާރު ހުރި ގައުމީ ބޮޑެތި ބައެއް މައްސަލަތަކުގެ ސުރުހީތައް ދައްކަައިދޭ، އަދި ބައެއް "ހޫނު" ވާހަކަތަކަށް އިޝާރާތް ކޮށް ހަދާފައިވާ ފްލޯޓްތަކެއްގެ ފޮޓޯތަކެވެ. މި ޕެރޭޑްގެ ފޮޓޯތަކުން ވަރަށް ގިނަ ވާހަކަތަކެއް ކިޔައިދެ އެވެ. ވަރަށް ގިނަ މީހުން މި ޕެރޭޑް ސިޔާސީ ވެސް ކޮށްލައިފި އެވެ.

ޕެރޭޑުން ފެނިގެން ދިޔަ ވަރަށް ގިނަ ފުޅަނދުތައް ހުރީ އެއް ބަޔަކު ވިސްނާ ގޮތުގައި ސަރުކާރަށް އަމާޒު ކޮށްފަ އެވެ. އޭގެ ތެރޭގައި، ވައުދު ފުއްދުމާ ބެހޭ ފްލޯޓަކާއި އަބުރާ ބެހޭ ފްލޯޓަކާއި އަލަތު ކައިވެންޏަށް ދޭން ބުނާ ފްލެޓް ފްލޯޓަކާއި ބަލި މީހުން އުފުލަން ޖެހޭ ގޮތުގެ ފްލޯޓަކާއި ބޮން ގޮއްވި މައްސަލައިގެ ފްލޯޓަކާއި މަގު ހެދުމުގެ ވާހަކަ ދައްކައިދޭ ފްލޯޓްތައް ހިމެނެ އެވެ. މިއިން ކޮންމެ ފްލޯޓެއް ވެސް ދައްކައިދީފައި ވަނީ މެސެޖަކާ އެކު، އެކަމަކު ވަރަށް މަޖާ ހެއްވާ ކަންތައްތައް ވެސް އޭގެ ތެރޭގައި ހިމަނައިގެންނެވެ. މާ ބޮޑު ޚަރަދެއް ކޮށްފައި ނުވި ނަމަވެސް، އަމިއްލަ އަށް ކޮށްފައިވާ ބައެއް ބުރަ މަސައްކަތްތައް ބައެއް ފްލޯޓްތަކުން ފެނިގެން ދެ އެވެ.

މީގެ ތެރެއިން އެއް ފްލޯޓެއް ތައްޔާރު ކުރި މީހަކު ބުނީ މި ޕެރޭޑަށް ވަރަށް ބޮޑު ތަރުހީބެއް ލިބި، އެހެން އަހަރުތަކާ ޚިލާފަށް ގިނަ ފޯންކޯލްތަކެއް ލިބިގެން ދިޔަ ކަމަށާއި ބައެއް މީހުން ސާބަސް ދީ ހެދި ކަމަށެވެ.

"އެހެން އަހަރުތަކުގައި ވެސް މިއީ ކުރާ ކަމެއް. މިހާރު 16 އަހަރު ވެއްޖެ މި ޕެރޭޑް އޮންނަތާ. މި އަށް ވުރެ މާ ބޮޑުކޮށް ވެސް ބާއްވާފައި އޮންނާނެ. އެކަމަކު މި ފަހަރު މުޅިން ތަފާތު،" އޭނާ ބުންޏެވެ.

ހަގީގަތަކީ، މި ޕެރޭޑް އިންތިޒާމު ކުރި އެ ރަށު އުތުރު އަވަށުގެ އޮފިޝަލަކު ބުނި ގޮތުގައި މާލޭ މީހުން މި ޕްރޭޑް ސިޔާސީ ކޮށްލީ އެވެ.

"މިއީ އެއްވެސް މީހަކަށް އެއްވެސް ފަރާތަކަށް ނިސްބަތްކޮށް ކުރި ކަމެއް ނޫން. ފެނުނު އެއްޗެހިން ފަހަރެއްގައި އެގޮތަށް ވިސްނެނީ ކަމަށް ވެދާނެ. އަޅުގަނޑުމެން މި ޕެރޭޑް މި ބާއްވަނީ 2000 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި. ކޮންމެ އަހަރަކު ވެސް މި ޕެރޭޑް ހަމަ މި ފެންވަރުގައި ބާއްވާނެ. މުޅި ރަށު އެންމެން ވަރަށް ފޯރިއާ އެކު ކުރާ ކަމެއް މިއީ،" އޭނާ ބުންޏެވެ.

މިއަދު ކުޅުދުއްފުށީގައި ބޭއްވި ޕެރޭޑްގައި ވެސް 300 އަށް ވުރެ ގިނަ މީހުން އަމަލީ ގޮތުން ބައިވެރިވި ކަމަށް އޭނާ ބުނެ އެވެ.

"މި ޕެރޭޭޑް ބަލަން ހަމަ ބޯކޮށް މީހުން އޮތް. ޕެރޭޑްގެ އެއްކޮޅުގައި ވާ ކަންތައްތައް އަނެއްކޮޅަށް ނޭނގޭހާ ޕެރޭޑް ދިގު. ހަގީގަތުގައި ތި ބޭފުޅުންނަށް ފެނިގެން ގޮސްގެން މިއުޅެނީ ޕެރޭޑްގެ ބައެއް އެއްޗެހި،" އޭނާ ބުންޏެވެ.

މި ޕެރޭޑްގައި ތައްޔާރުކޮށްފައިވާ ފުޅަނދުތައް ހަދަނީ އެކި މީހުންނެވެ. އިންތިޒާމުކުރާ ފަރާތުން ބުނަނީ، އެ ފަރާތުން ކުރާނީ އިއުލާނެއް ކަމަށާއި އިސްލާމް ދީނާއި އެއްވެސް މީހެއްގެ ކަރާމާތަށް ގެއްލުން ނުލިބޭ އަދި އެއްވެސް އަމިއްލަ މީހެއްގެ ނަން ބޭނުން ނުކުރާ ފްލޯޓެއް ވިއްޔާ މައްސަލައެއް ނެތް ކަމަށް އިއުލާނުގައި ބުނެފައިވާނެ ކަމަށެވެ.

"އެ ފްްލޯޓްތަކުގައި މި ދައްކަނީ ކޮންް އެއްޗެއްތޯ އަޅުގަނޑުމެން ނުވެސް އަހަން. އޭގެ މާނައަކީ ކޮބައިކަމެއް ވެސް އަޅުގަނޑުމެން ނުބަލަން. މިއީ މަޖަލަކަށް ކުރާ ކަމެއް. ކުޅިވަރެއް މިއީ،" އޭނާ ބުންޏެވެ.
މި ޕެރޭޑުގައި ބައިވެރި ކޮށްފައިވާ ފްލޯޓްތައް އާންމުންގެ ވަރަށް ބޮޑު ސަމާލުކަމެއް އައިއިރު، މިއީ ބައެއް މީހުން ބުނާ ގޮތުގައި ވަރަށް ހިތްވަރުގަދަ ބަޔަކު ކޮށްފައިވާ ކަމެކެވެ. އަދި އެހެން ބައެއް މީހުން ބުނާ ގޮތުގައި، މި ދައްކައިދެނީ މިއަދު ގައުމާއި ރަށްތަކުގެ ހާލަތު އޮތް ގޮތެވެ.
"މީގައި ދައްކައިދީފާނެ އަޅުގަނޑުމެންގެ ރަށަށް ކޮށްދޭން ބުނެފައި ނުކޮށްދީ ހުންނަ ކަންތައްތައް ވެސް. ދުނިޔެ އާއި ރާއްޖޭގައި އާންމުކޮށް ހިނގާ ކަންކަން މި ދައްކައިދެނީ ގިނަ ފަހަރަށް. ކުރިން އަޅުގަނޑުމެން ހެދިން މިސައިލެއް ކަހަލަ އެއްޗެއް ވެސް. އެއީ މިސައިލެއް ޓެސްޓްކޮށްގެން ދުނިޔޭގައި އެ ވާހަކަ ދެކެވުނު ދުވަސްކޮޅު. އެހެންވީމަ ރާއްޖޭގައި ވެސް ދެކެވޭ ވާހަކަތައް މަޖާ ގޮތަކަށް ގެނެސްދީފައި ހުރެދާނެ،" އިންތިޒާމު ކުރި ފަރާތުން ބުންޏެވެ.