25 ޖުލައި 2019 - 07:42

ތިމާވެއްޓާއި ތާރީހާއި ސަގާފަތް ފަދަ ދާއިރާތަކަށް އިސްކަން ދީގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަން ތަރައްގީކުރަން ފަށާފައިވާ މަސައްކަތްތައް ފާހަގަކޮށް ދުނިޔޭގެ ފުރަތަމަ ނެޝަނަލް ޕާކް ސިޓީގެ ދަރަޖަ ލަންޑަނަށް ދީފި އެވެ.
ނެޝަނަލް ޕާކް ސިޓީގެ ދަރަޖަ ދޭއިރު ގައުމު ފެހިކުރަން ކުރާ މަަސައްކަތްތާއި ތާރީހާއި ސަގާފަތުގެ އިތުރުން ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އިން ހޯދަމުން އަންނަ ކުރިއެރުންތަކަށް ވެސް ރިޔާއަތް ކުރެ އެވެ.
ނެޝަނަލް ޕާކް ސިޓީ ސްޓޭޓަސްއަކީ ނެޝަނަލް ޕާކް ސިޓީ ފައުންޑޭޝަނާއި ވޯލްޑް އާބަން ޕާކްސް އާއި އިންޓަނޭޝަނަލް ޔުނިއަން ފޮ ކޮންޒަވޭޝަން ފޮ ނޭޗާ (އައިޔޫސީއެން) ގެ އިތުރުން ސަލްޒްބާގް ގްލޯބަލް ސެމިނާގެ ދަށުން ތައާރަފުކޮށްފައިިވާ އިނިޝިއޭޓިވެކެވެ.
ލަންޑަނުގެ މޭޔަރު ސާދިގް ހާން ވިދާޅުވި ގޮތުގައި ދުނިޔޭގެ ފުރަތަމަ ނެޝަނަލް ޕާކް ސިޓީގެ ދަރަޖަ ލަންޑަނަށް ލިބުމަކީ އެ ސިޓީގެ ހުރިހާ ރައްޔިތުންގެ ހިއްސާއެއް ކަމެކެވެ. އެހެންވެ މި ޝަރަފު ދަމަހައްޓަން އެންމެން ގުޅިގެން ކުރިއަށް ވުރެ ބޮޑަށް މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް ލަންޑަނުގައި 170،000 ގަސް އިންދަވައި 200 ވަރަކަށް ގްރީން އެންވަޔަރަމަންޓް ޕްރޮޖެކްޓްތަކަށް ފަންޑް ހަމަޖައްސަވާފައިވެ އެވެ.
"ދުނިޔޭގެ އެންމެ ފެހި އެއް ސިޓީއަށް ލަންޑަންވުމަކީ އަޅުގަނޑު ވަރަށް ފަހުރުވެރިވާ ކަމެއް،" މޭޔަރު ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ އަގު ބޮޑު އަދި އެންމެ ރީތި ސިޓީތަކުގެ ތެރޭގައި ހިމެނޭ ލަންޑަން ދުނިޔޭގެ ފުރަތަމަ ނެޝަނަލް ޕާކް ސިޓީއަކަށް ހެދުމަކީ 2016 ވަނަ އަހަރު ސާދިގު ހާން މޭޔަރުގެ މަގާމަށް ވަޑައިގަންނަވަން އެކުލަވާލެއްވި މެނިފެސްޓޯގެ ވައުދެއް ވެސް މެ އެވެ.
އެހެންވެ މިކަން ހާސިލު ކުރެވުމާ ގުޅިގެން މޭޔަރު ވަނީ ނެޝަނަލް ޕާކް ސިޓީ ފެސްޓިވަލްގެ ނަމުގައި ބޮޑު ހަރަކާތެއް ވެސް އިއުލާން ކުރައްވައިފަ އެވެ. ގާތްގަނޑަކަށް 300 ވަރަކަށް އިވެންޓް ހިމެނޭ ގޮތަށް ބާއްވާ ފެސްޓިވަލް މި މަހުގެ 28 އާ ހަމައަށް ކުރިއަށް ދާނެ އެވެ.