އިނގިރޭސި ވިލާތަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގައުމަކަށް ވާން އަމާޒު ހިފައިިފި
އިނގިރޭސި ވިލާތަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގައުމަކަށް ވާން އަމާޒު ހިފައިިފި

ދުންފަތާ ދެކޮޅަށް އިނގިރޭސިވިލާތުގައި ކުރަމުން އަންނަ މަސައްކަތުގައި، 2030 އާ ހަމައަށް އަންނަ އިރު އެ ގައުމަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގައުމަކަށް ހަދަން އަމާޒު ހިފައިފި އެވެ.

އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން އެކުލަވާލާފައިވާ "އެޑްވާންސިން ހެލްތު: ޕްރިވެންޝަން އިން ދަ ޓްވެންޓީ ޓްވެޓީންޒް" ފެހި ކަރުދާހުގައި ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތަކީ "ސްމޯކް-ފްރީ" ގައުމަކަށް ހެދުމަށް މިހާރު ކުރެވެމުން އަންނަ މަސައްކަތްތަކުން ރަނގަޅު ނަތީޖާތަކެއް އަންނަނީ ފެންނަމުންނެވެ.

އެގޮތުން މިހާރު ވެސް އިނގިރޭސިވިލާތަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ މަދުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ތިބި ގައުމުކަން ފާހަކޮށްފައިވެ އެވެ. އެ ނިސްބަތް ކޮންމެ ހަ މީހަކުން އެކަކަށް ވުރެ ވެސް މިހާރު މަދު ކަމަށް "އެޑްވާންސް ހެލްތު" ކަރުދާހުގައި ފާހަގަކޮށްފައި އެވެ. އަދި އިނގިރޭސިވިލާތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ ބޮޑެތި މީހުންގެ ނިސްބަތް މި ވަގުތު އުޅެނީ 14 ޕަސަންޓްގައި ކަމަށް ވެސް ބުންޏެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ ގައުމަކަށް 2030 ގައި އިނގިރޭސިވިލާތް ހަދަން މަސައްކަތް ކުރާ އިރު ސަރުކާރުން ބުނެފައިވާ ގޮތުގައި މިކަމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ހުރިހާ އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ ނަތީޖާ ނެރުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ އެވެ. އެގޮތުން މިހާރު ވެސް ކަމާ ގުޅުން ހުރިހާ މުއައްސަސާތަކާއި ޖަމާއަތްތައް ގުޅިގެން ކުރާ މަސައްކަތުން ފެންނަނީ އުންމީދީ މަންޒަރުތަކެއް ކަމަށް ބުންޏެވެ.

ކަރުދާހުގައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ކުރިމަތިވާ ގޮންޖެހުންތަކަށް ވެސް ވަރަށް ބޮޑަށް އަލިއަޅުވާލައިފަ އެވެ. އެގޮތުން އުޖާލާ އަދި ދުޅަހެޔޮ ޖީލަކަށް ގައުމު ގެންދަން ބޭނުންވާ ނަމަ ދުންފަތާ ދުރުވުން ވަރަށް މުހިއްމުކަން ފާހަގަކޮށްފައިވެ އެވެ.

"ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރޭގައި ސިނގިރެޓް އުފެއްދުމުގެ ވިޔަފާރި ހުއްޓުމަކަށް ގެންނަން ރޭވިގެން މަސައްކަތްތަކެއް ކުރުމާއި ދުންފަތަށް އާންމުން ހޭލުންތެރި ކުރުވުމާއި ދުންފަތުގެ ބަދަލުގައި ބޭނުން ކުރެވިދާނެ އުފެއްދުންތައް ބޭނުން ކުރަން ހިތްވަރު ދިނުން ވެސް ހިމެނޭ،" ކަރުދާހުގައި ބުންޏެވެ. "ހަމަމިއާ އެކު ދުންފަތާ ދެކޮޅަށް ހޮސްޕިޓަލްތަކުން ވެސް ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުން ހިމެނޭ."

ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން އިނގިރޭސިވިލާތަކީ އެންމެ ފުރަތަމަ އާންމު ތަންތާނގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެއީ 2007 ގަ އެވެ.

އަދި މީގެ ދެ އަހަރު ކުރިން އެ ގައުމުން ވަނީ "ޓޮބޭކޯ ކޮންޓްރޯލް ޕްލޭން" އެއް ވެސް އެކުލަވާލައިފަ އެވެ. އޭގެ ދަށުން އަމާޒު ހިފާފައި ވަނީ ދުންފަތުގެ އިސްތިއުމާލު މިހާރު ކުރާ މީހުންގެ ނިސްބަތް 2022 އާ ހަމައަށް އަންނަ އިރު 15.5 ޕަސަންޓުން 12 ޕަސަންޓަށް ދަށްކުރުމެވެ.

ހޯމަ ދުވަހު އާންމު ކުރި "އެޑްވާންސިން ހެލްތު: ޕްރިވެންޝަން އިން ދަ ޓްވެންޓީ ޓްވެޓީންޒް" އަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ވެސް ވަނީ ހުޅުވާލައިފަ އެވެ. އެ ފުރުސަތު އޮކްޓޯބަރު މަހުގެ 4 އާ ހަމައަށް އޮންނާނެ އެވެ.