25 ޖުލައި 2019 - 07:46

މިދިޔަ އަހަރު ޖާންވީ ކަޕޫރާއި އިޝާން ޚައްތަރާ އެކު މަރާޓީ ފިލްމު "ސައިރާތު" ގެ ހިންދީ ރިމެކް "ދަޅަކް" ގެނެސް ދިން ޕްރޮޑިއުސަރު ކަރަން ޖޯހަރު އަނެއްކާ ވެސް ސައުތުގެ ފިލްމެއްގެ ރިމެކެއްގެ ރައިޓްސް ހޯދައިފި އެވެ.
ކަރަންގެ ދަރުމާ ޕްރަކްޝަން މި ފަހަރު ރިމެކެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ތެލެގޫ ފިލްމު "ޑިއާ ކޮމްރޭޑް" އެވެ. މިއީ ލޯބީގެ ހާދިސާއެއްގެ މައްޗަށް އަލަށް ޑައިރެކްޝަނަށް ނުކުތް ބާތަރު ކައްމާ ހަދާފައިވާ ފިލްމެކެވެ.
ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ޝާހިދު ކަޕޫރު ކުޅުނު "ކަބީރު ސިންގް" ގެ އޮރިޖިނަލް ފިލްމު "އަރުޖުން ރެޑީ" ގެ ބަތަލު ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަނާ އެވެ.
"ޑިއާ ކޮމްރޭޑް" ގެ ރައިޓްސް ހޯދިކަން ޓްވިޓާގައި ހިއްސާ ކުރަމުން ކަރަން ބުނީ މި ފިލްމަކީ ވަރަށް ވެސް ވަރުގަދަ ލޯބީގެ ފިލްމެއް ކަމަށާއި ފިލްމުގެ ތަރިންނާއި ޑައިރެކްޓަރާއި މުޅި ޓީމުން ވެސް ވަރަށް ފުރިހަމަ މަސައްކަތެއް އެއަށްކޮށްފައިވާ ކަމަށެވެ.
ދަރުމާ އިން "ޑިއާ ކޮމްރޭޑް" ގެ ހިންދީ ރިމެކް އިއުލާން ކުރި ނަމަވެސް އެ ފިލްމުގެ ކާސްޓާއި ޑައިރެޓްރަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. ބެލެވޭ ގޮތުން ވަރަށް އަވަހަށް އެކަން އިއުލާން ކުރާނެ އެވެ.
ދަރުމާ ޕްރޮޑަކްޝަނުން މި އަހަރުގެ މިހާތަނަށް ތިން ފިލްމެއް ގެނެސް ދީފައިވެ އެވެ. އެއީ "ކޭސަރީ" އާއި "ކަލަންކް" ގެ އިތުރުން "ސްޓޫޑަންޓް އޮފް ދި އިޔާ 2" އެވެ. އެ ސްޓޫޑިއޯގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ޑިސެމްބަރު މަހުގެ 27 ގައި ރިލީޒް ކުރާ "ގުޑް ނިއުސް" އެވެ.
އަންނަ އަހަރަކީ ވެސް ދަރުމާގެ ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސް ދޭނެ އަހަރެކެވެ. "ޑިއާ ކޮމްރޭޑް" ގެ ހިންދީ ރިމެކަކީ އޭގެ ތެރެއިން އެއް ފިލްމަށް ވާނެ އެވެ.