ޗެލްސީ އަށް އިތުބާރު ބޮޑުވެއްޖެ: ލަމްޕާޑް
ޗެލްސީ އަށް އިތުބާރު ބޮޑުވެއްޖެ: ލަމްޕާޑް

ސައިޓަމާ، ޖަޕާން (ޖުލައި 24) - ޕްރީ ސީޒަން މެޗުތަކުގައި ޗެލްސީގެ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން، ޓީމާ މެދު ކުރެވޭ އިތުބާރު ބޮޑުވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ޗެލްސީ އަށް އިތުބާރު ބޮޑުވެއްޖެ: ލަމްޕާޑް
ޗެލްސީ އަށް އިތުބާރު ބޮޑުވެއްޖެ: ލަމްޕާޑް

ފީފާ އިން ކުޅުންތެރިން ނުގަނެވޭ ގޮތަށް ޗެލްސީ އަށް ދީފައިވާ އަދަބާ ގުޅިގެން ޓީމާ ހަވާލުވުމަށް ފަހު ލަމްޕާޑަށް އޮތް ކަންބޮޑުވުމަކީ ބޭނުންވާ ކުޅުންތެރިން ގެނެވޭނެ ގޮތެއް ނެތުމެވެ. އެކަމަކު އޭނާ އޭރު ވެސް ބުނަމުން އައީ ޗެލްސީގައި ފުރުސަތު ނުލިބި ތިބި ޒުވާން ކުޅުންތެރިންނާ އެކު ތަފާތެއް ދެއްކޭނެ ކަމަށެވެ.

ޕްރީ ސީޒަން މެޗެއްގައި ރޭ ބާސެލޯނާ އަތުން ޗެލްސީ ވަނީ 2-1 އިން މޮޅުވެފަ އެވެ. މެޗަށް ފަހު ލަމްޕާޑް ބުނީ މި މެޗުގެ ނަތީޖާ އަށް ވުރެ އޭނާ އަށް މުހިއްމީ ޓީމުން ދެއްކި ކުޅުން ކަމަށެވެ.

"މި ކުޅުންތެރިންނާ އެކު މިހާތަނަށް ކުރެވުނު ތަޖުރިބާ އިން އަހަންނަށް އެނގުނީ މިއީ ވަރުގަދަ ރޫހެއްގައި އޮތް ޓީމެއްކަން. ވަރަށް އުއްމީދުގައި އޮތް ޓީމެއް މިއީ. އަހަރެން މި ހުރީ އުފަލުން. ވަރަށް ޕޮޒިޓިވް ކަންތައްތަކެއް ފާހަގަކުރެވި ކުރެވޭ އުއްމީދު ވެސް ބޮޑުވެއްޖެ،" ކުރިން ޑާބީ ކައުންޓީ އަށް ކޯޗުކޮށްދިން ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް ހަވާލުވި ފަހުން ޗެލްސީ އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިއަކީ ޒުވާން ފޯވާޑް ޓެމީ އަބްރަހަމް އެވެ. ލަމްޕާޑް ބުނީ ޓަމީ އަށް ކުރިއަށް އޮތް ސީޒަނުގައި ގިނަ ފުރުސަތުތަކެއް ދޭން ބޭނުންވާ ކަމަށާއި ކްލަބްގެ މުހިއްމު ކުޅުންތެރިއަކަށް ވެވޭނެ ފެންވަރު އޭނާގެ ކިބައިގައި އެބަހުރި ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ޗެލްސީ އަށް މޮޅު ކުޅުމެއް ދެއްކި އެޑެން ހަޒާޑް ނެތްތަނަށް އެ ޓީމުން ބޭނުންކުރާނެ ކަމަށް ބެލެވެނީ އުމުރުން 20 އަަހަރުގެ އެމެރިކާގެ ވިންގް ކްރިސްޓިއަން ޕުލިސިޗް އެވެ. ބާސެލޯނާއާ ދެކޮޅަށް ޗެލްސީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ޕުލިސިޗް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ކުރިއަށް އޮތް ޕްރިމިއާ ލީގުގެ ސީޒަނުގައި ޗެލްސީ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 11 ވަނަ ދުވަހު ރަށުންބޭރުގައި ކުޅޭނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. އޭގެ ތިން ދުވަސް ފަހުން ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅޭ ޔުއެފާ ސުޕަ ކަޕް މެޗުގައި ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޗެލްސީ ނުކުންނާނީ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ލިވަޕޫލާ ދެކޮޅަށެެވެ.

ބާސެލޯނާ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގެނައި ނެދަލެންޑްސްގެ ފްރެންކީ ޑި ޔޮން އާއި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ވަނީ ރޭގެ މެޗުގައި ކުޅެފަ އެވެ. އެ ދެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ ތައުރީފުކޮށްފަ އެވެ.